ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް އެއްބަސްވެފަވާ އަދުހަމް މުހައްމަދަށް ހުކުމް ކުރަން ބޭއްވި ޝަރީއަތުގައި އެކަމަށް އިންކާރުކުރި ނަމަވެސް، ހެކި ހުށަހަޅައިގެން ހެކީގެ މައްޗަށް ބިނާކޮށް މީހަކު މެރިކަމުގެ ކުށް ސާބިތުކޮއްދޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ދައުވާ އަށް އިންކާރު ކުރުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ އިއުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަކީ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލައިގައި ހެކި ހުށަހަޅައިގެން ހެކީގެ މައްޗަށް ބިނާކޮށް، މީހަކު މެރިކަމުގެ ދައުވާ ޝަރީއަތަށް ސާބިތުކޮށް ދޭނެ ކަމަށެވެ.
އަދުހަމް ދައުވާ އަށް ކުރިން ކޯޓުގައި އެއްބަސް ވިޔަސް، އޭނާ މިއަދު ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ. މިކަމަށް އިންކާރުކޮށްފައިވާއިރު، އޭނާއާ ދެކޮޅަށް ދައުލަތުން ކުރިން ވެސް އޮތީ ހެކި ހުށަހަޅައި، އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އެކަމަކު، އޭރު އޭނާ އެކަމަށް އެއްބަސްވުމުން ހެކިންގެ ހެކިބަސް ނުނަގަން ދައުލަތުން އޭރު އެދުނު ނަމަވެސް މިހާރު ދައުވާ އަށް އިންކާރު ކުރާތީ ދައުލަތުން ވަނީ ހެކިތަކަށް ރިއާޔަތް ކުރަން އެދިފަ އެވެ.
ދައުވާއަށް އަދުހަމް އިންކާރު ކުރިއިރު، އަދުހަމްއާ އެކު ދައުލަތުން ކުރިން ހަދާފައި އޮތް އިއުތިރާފްގެ އެ އެއްބަސްވުމުގައި އޮތް ގޮތުން ގާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ނަމަ، އަދުހަމްގެ މައްޗަށް އަންނާނީ 17 އަހަރުގެ ޖަލު ހުކުމެއްކަމަށެވެ.
އަދުހަމް ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާ ގާސިމް މަރާލީ ފޭރެންވެގެން އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން ކަރުގަ ހިފާ ވަޅި ހެރުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް