ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ދީނީ ދަރުސް ދިނުމަށް ރާއްޖެ ގެނައުމަށް ޔޫތް މިނިސްޓްރީން ނިންމާފައިވާކަން މިނިސްޓަރު އަހުމަދު މަހުލޫފު އިއުލާނު ކުރުމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މާފަންނު އިތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.
މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގަ ވިދާޅުވެފައިވަނީ މިފަހަރުުގެ ދަތުރުގައި ޑރ. ބިލާލް ދަރުސް ދެއްވާނީ ސުލްހަ އާއި މަސަލަސްކަން މި މައުލޫއަށް ކަމަށެވެ. އޭނާ އަންނަ މަހު12 ން18 އަށް ރާއްޖެ ވަޑައިގެންނެވުމަށް އެއްބަސްވުމުން މަހުލޫފު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
މި ޓުވީޓާ ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުން ދަނިކޮށް މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެފައިވަނީ ދީނީ ނަސޭހަތް ދިނުމަށް އޭނާ ރާއްޖެ ނުގެނައުމަށް އާދޭހާ އެކު ދަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ކަނޑައަޅާފައިވާ މައުލޫއަށް ދަރުުސް ދެއްވަން ޑރ. ބިލާލް އަކީ އެކަށީގެންވާ މީހެއް ނޫންކަމަށެވެ. އަދި ގިނަ ގައުމުތަކަކުން ޑރ. ބިލާލް އަކީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ މީހެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ކަނޑައަޅާފައިވާ ކަމަށެވެ.
މަޖިލީހުގެ ނައިބު ރައިސް އީވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދީނީ ނަސޭހަތް ދިނުމަށް ކަނޑައަޅާފައިވާ މައުލޫއަކީ މިވަގުތަށް ޒުވާނުންނަށް ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ. އެކަމަކު މި މައުލޫއަށް ދަރުސް ދިނުމަށް އޭނާ އަކީ އެކަށީގެންވާ މީހެއް ނޫންކަން މުޅި ދުނިޔެ ދަންނާނެ ކަމަށެވެ. އަދި އޭނާ ހިތްވަރު ދެނީ ހަރުކަށި ފިކުރަށް ކަމަށް އީވާވެސް ވިދާޅުވި އެވެ.
މި ދެ ބޭފުޅުންނެކޭ އެއްގޮތަށް ގިނަ ބަޔަކު ވަނީ މަހުލޫފުގެ ޓުވީޓަށް ފާޑު ކިޔާފަ އެވެ.
މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ޑރ. ބިލާލް ދީނީ ނަސޭހަތް ދިނުމަށް ރާއްޖެ އައިސްފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް