ޓީއެމްއޭއާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ދެމެދު ސިޓީތައް ބަދަލު ކުރެވި، އެއްބަސްވުމަކަށް ދިޔައީ އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށުު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ލަފަޔާ އެއްގޮތަށް ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކުރެއްވި ތުހުމަތަށް ސައީދު ރައްދު ދެއްވައިފި އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ އާ ޓާމިނަލްގެ ހިންގުން ޓީއެމްއޭ އަށް ލިބޭގޮތަށް ޑްރާފްޓެއް ހަދައި ސޮއި ކުރަން މަސައްކަތް ކުރީ ސެޕްޓެމްބަރު 16، 2018 ގެ ކުރިން ކަމަށެވެ. އަދި ޓީއެމްއޭއާ އެކު ސޮއިކުރަން ނިންމި އެ މުއާމަލާތްތަކުގައި އިސްކޮށް ސައީދު އުޅުއްވި ކަމަށް އިލްޔާސް ތުހުމަތު ކުރެއްވި އެވެ.
އިލްޔާސް ވިދާޅުވީ ދެފަރާތުގެ މުއާމަލާތްތަކާއި ގުޅޭގޮތުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު ހުރިހާ ކަމެއް ހިނގާފައިވަނީ ސައީދުގެ ލަފާގެ މަތިންނެވެ.
"އެމްއޭސީއެލްގެ ކަންތައް ބަލަހައްޓަވަން އޭރު އިންނަވާ ވަޒީރަކު، އިކޮނޮމިކް ކައުންސިލުން ހަމަޖައްސާފައި. އެ ވަޒީރާ ވަރަށް ގިނަ ބައްދަލުވުންތައް ބޭއްވުނު ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސްގެ މި ތުހުމަތާއި ގުޅިގެން މިއަދު ސައީދު ވިދާޅުވީ އެއްވެސް ބުރަދަނެއް ނެތް ދޮގު ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށެވެ. އަދި އެއަށްވުރެ ފުނޑެމުންދާ އިގްތިސާދާއި ނެތިދާ ވިޔަފާރިތައް ހަމަގަމަށް އަޅުވަން ސަރުކާރުން އަވަސް ވާން ޖެހޭ ކަމަށެވެ.
https://twitter.com/em_saeed/status/1229673663601020930
މީގެ އިތުރުން ސައީދު މީޑީއާގަ ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ރާއްޖެ އާއި ރައްޔިތުންނަށް ގެއްލުން ނުލިބޭނެ ގޮތަށް، ދިވެހިންގެ އެއްވެސް ހަރު މުދަލެއްގެ އެހެން ބަޔަކަށް ނުދީ ކަމަށެވެ.
އިލިޔާސް ސައީދަށް މި މައްސަލައިގަ ތުހުމަތުގެ އިނގިލި ދިއްކުރި އިރު އިއްޔެ މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލްއިން ބުނެފައިވަނީ ޓީއެމްއޭއާއެކު އެމްއޭސީއެލްއިން އެކުލަވާލަން މަސައްކަތް ކުރި އެއްބަސްވުމުގައިި ކުރީ ސަރުކާރުގެ އިސްވެރިންގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް