ހުކުމް އިއްވަން ހަމަޖެއްސި ޝަރީއަތުގަ ގާސިމް މަރާލި ކަމަށް އަދުހަމް އިންކާރުކޮށްފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް އެއްބަސްވެފަވާ އަދުހަމް މުހައްމަދަށް ހުކުމް ކުރަން ބޭއްވި ޝަރީއަތުގައި އެކަމަށް އިންކާރުކޮށްފި އެވެ. މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދުހަމްގެ އިއުތ...

18 Feb 2020 | 09:16

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް އެއްބަސްވެފަވާ އަދުހަމް މުހައްމަދަށް ހުކުމް ކުރަން ބޭއްވި ޝަރީއަތުގައި އެކަމަށް އިންކާރުކޮށްފި އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދުހަމްގެ އިއުތިރާފާ ގުޅޭ ގޮތުން ގާޒީ އިސްމާއިލް ރަޝީދު ސުވާލު ކުރެއްވުމުން އަދުހަމް ވަނީ މުޅި ވާހަކަ ބަދަލުކޮށް ދައުވާއަށް އިންކާރުކޮށްފައި އެވެ. އޭނާ ބުނެފައިވަނީ ފުލުހުންގެ ތަހުގީގުއާ ޝަރީއަތުގެ މަޖިލީހުގައި ގާސިމް މަރާލިކަމަށް އެއްބަސްވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ.

ފުލުހުންނާއި ކަރެކްޝަންސްގެ ބަންދުގައި އެ މައްސަލައިގަ ހައްޔަރު ކުރި ފަހުން ހުރި އަދުހަމްއަށް މަސްތުވާއެއްޗެހި ދިނީ ފުލުހުން ކަމަށް އޭނާ މިއަދުގެ ޝަރީއަތުގައި ބުންޏެވެ. އެގޮތުން އޭނާ ހުރީ ހާއްސަ އިނާޔަތްތަކެއްގެ ތެރެއިން ކަމަށް ފުލުހުން ބުނި އަޑު އެހިކަމަށާއި އޭނާ ބައިންދާފަ އިންނަ ގޮޅިއަށް މަސްތުވާތަކެއްޗާއި ސިނގިރޭޓު އަދި ސުޕާރީ ފުލުހުން ވައްދައިދޭ ކަމަށް އަދުހަމް ބުންޏެވެ.

އޭނާއަށް ހޭވެރިކަންވީ ފުލުހުންގެ ބަންދުން ކަރެކްޝަންސްގެ ބަންދަށް ބަދަލު ކުރި ފަހުން ކަމަށް ޝަރީއަތުގަ މިއަދު ބުނެފައިވެ އެވެ. އަދި ބުނީ އެ ދުވަހު ވާހަކަ ދެއްކީ ހަމަ ބުއްދީގައި ހުރެގެން ނޫންކަމަށާއި މިއަދު ހަމަ ބުއްދީގަ ހުރެގެން ބުނަން ބޭނުންވަނީ ގާސިމް މަރާލީ އޭނާ ނޫން ކަމަށެވެ.

އަދުހަމްގެ އިންކާރާއި ގުޅިގެން އޭނާއަށް ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލާ ވިދާޅުވީ ދައުވާއަށް އަދުހަމް އިންކާރު ކުރާކަން އެނގުނީ މިއަދު ޝަރީއަތަށް ދިޔަފަހުން ކަމަށެވެ. އޭގެ ކުރިން އެންމެ ފަހުން ބައްދަލުވީ ފުލުހުންގެ ބަންދުގައި ހުއްޓަ ކަމަށާއި އަދުހަމް އެ ބުނިފަދަ ކަމެއް ހިނގާކަން އެނގިފައި ނުވާކަމަށެވެ.

އަދުހަމްގެ އިންކާރާއި ގުޅިގެން ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހުރި ހެކިތައް ޝަރީއަތަށް ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އަދުހަމްގެ ވަކީލާ ވިދާޅުވީ އަދުހަމް އިންކާރު ކުރުމުން އެ މައްސަލައަށް ތައްޔާރުވާން ވަގުތު ބޭނުންވާ ކަމަށެވެ.

ގާޒީ އިސްމާއިލް ވިދާޅުވީ ދެން އޮންނާނީ އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ކަމަށެވެ.

ދައުވާއަށް އަދުހަމް އިންކާރު ކުރިއިރު، އަދުހަމްއާ އެކު ދައުލަތުން ކުރިން އޮތީ އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އެ އެއްބަސްވުން އޮތް ގޮތުން ގާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ނަމަ، އަދުހަމްގެ މައްޗަށް އަންނާނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމް ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާ ގާސިމް މަރާލީ ފޭރެންވެގެން އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން ކަރުގަ ހިފާ ވަޅި ހެރުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް