ހަމަދް ބިން ހަލީފާ އާލް ޘާނީ ސްކޫލްގެ ވެބްސައިޓް އިފްތިތާހު ކޮށްފިއެވެ.
ހަމަދް ސްކޫލުގެ ވެބްސައިޓް އިފްތިތާހު ކޮށްފައިވަނީ އެ ސުކޫލަށް 22 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. ލ.ގަމުގައި ހުންނަ ހަމަދު ސްކޫލުގެ ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ.
އެ ސްކޫލުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ވެބްސައިޓުގެ ޒަރިއްޔާއިން ސްކޫލާއި ބެހޭ އެކި އެކި މަޢުލުމާތު ތަކާއި، ސްކޫލުން ނެރޭ އާންމު އިއުލާނުތައް އަދި ސްކޫލުގައި ބާއްވާ ހަރަކާތްތަކުގެ ފޮޓޯތައް ބެލެން ހުންނާނެއެވެ.
މީގެ އިތުރުން މި ވެބްސައިޓާއި އެކު، މިއަހަރު އެ ސްކޫލުގައި މީޑިޔާ ކްލަބެއްވެސް ފެށިގެންދާނޭ ކަމަށާއި، ހަމަދް ސްކޫލުގެ ވެބްސައިޓުގައި އެ ކްލަބުގެ ދަރިވަރުން އަމިއްލައަށް ހިންގާ މީޑިޔާ ކްލަބް ކެޓަގެރީއެއްވެސް އިންނާނެ ކަމަށެވެ.
ހަމަދް ސްކޫލް ވެބްސައިޓަކީ "ލާމު މީޑިޔާ އިންސްޓިޓިއުޓް" އިން މުޅިން ހިލޭ ފަރުމާކޮށްދީފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓަކީ ލ،އަތޮޅުގައި މިހާތަނަށް ސްކޫލެއްގައި އިފްތިތާހު ކުރެވުނު ފުރަތަމަ ވެބްސައިޓެވެ.
ހަމަދް ސްކޫލަށް 22 އަހަރު ފުރުން ފާހަގަކޮށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ސްކޫލަށް އެކި ގޮތްގޮތުން އެހީވެފައިވާ ފަރާތްތަކަށާއި، ސްކޫލުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މުދައްރިސުންނާއި، މުއައްޒަފުންނަށް، އެކަން ފާހަގަކޮށް ހަނދާނީ ފިލާ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް