އަޅުގަނޑަކަށް ރިޝްވަތެއް ނުދޭ، ދޭކަށް ނުވެސް ވިސްނާނެ: ނަޝީދު

ޓީއެމްއޭއިން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރިޝްވަތުގެ ގޮތުގައި13 މިލިއަން ޑޮލަރު ދީފަވާ ކަމަށް ބުނާ ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފި އެވެ. އެމަނިކުފާނުގެ މައްޗަށް އެ ތުހުމަތު ...

18 Feb 2020 | 08:30

ޓީއެމްއޭއިން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރިޝްވަތުގެ ގޮތުގައި13 މިލިއަން ޑޮލަރު ދީފަވާ ކަމަށް ބުނާ ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފި އެވެ.

އެމަނިކުފާނުގެ މައްޗަށް އެ ތުހުމަތު ކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ. އޭނާ ވިދާޅުވީ ޓީއެމްއޭގެ އިސްވެރިންނާ ރައީސް ނަޝީދު މަޖިލީހުގެ ކޮޓަރިކޮޅުގަ ބައްދަލު ކުރެއްވި ކަމަށެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާން ރިޝްވަތުގައި ހިފާފައި ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ރިޝްވަތު ދޭން މީހަކު ނުވެސް ވިސްނާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރިޝްވަތު ދިނުމާއި ދޭން އުޅުމަކީ ވެސް މަނާ ކަމެއް ކަމަށާއި ވަކިކަމެއް ވަކިގޮތަކަށް ކުރުވުމުގެ ބޭނުމުގައި އެއްވެސް ބޭފުޅަކު އެމަނިކުފާނާ ރަހުމަތްތެރި ވެ ނޫޅުއްވަން އެދިވަޑައިގަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި، ޓީއެމްއޭއިން އެމަނިކުފާނަށް ފައިސާ ދޭން ނޫޅޭނެ އެވެ. އަދި އެކަން ކުރަން ވެސް ނުކެރޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން އިއްޒަތްތެރި މެމްބަރުން ކުޑަކޮށް ވެސް ގަބޫލެއް ނުކުރައްވާނެ ޓީއެމްއޭ އަކަަށް ވެސް، އެހެން މޭ އަކަށް ވެސް އަޅުގަނޑަކަށް ރުފިޔާ އެއް ނުދޭ، ނުވެސް ދޭނެ، ދޭކަށް ނުވެސް އުޅޭނެ. މީހަކު އެކަމަކާ ނުވެސް ވިސްނާނެ. ދެއްވަން އުޅުއްވަބައްލަވާ ދެން، އެއްވެސް މީހަކު އަޅުގަނޑަށް އެއްވެސް އެއްޗެއް. އެކަން ގޮސް ނިމިދާނެ ގޮތް އެބަޔަކަށް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.

ޓީއެމްއޭ މައްސަލައިގަ ނަޝީދުގެ މައްޗަށް ޝައްކުގެ ނަޒަރުން އިދިކޮޅު ފަރާތްތަކާއި އާންމުން ބަލަން ފެށީ އެ މައްސަލައިގެ ތެރެއަށް ކުއްލިއަކަށް ވަދެވަޑައިގެން ޓީއެމްއޭ އެދޭ ގޮތަށް ޓާމިނަލް ހިންގަން ދީގެންވެސް ސީޕްލޭން ޓާމިނަލް ހުޅުވުން އަވަސް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވުމުންނެވެ. އަދި ވިދާޅުވެފައިވަނީ އެހެން ނޫންނަމަ ދައުލަތުން ބަދަލު ދޭން ޖެހިދާނެ ކަމަށެވެ.

އެކަމަކު އޭސީސީއާ އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓުތަކުގައި ބުނެފައިވަނީ ޓީއެމްއޭއާ އެމްއޭސީއެލްއާ ދެމެދު ސީޕްލޭން އޮޕަރޭޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައި ނުވާތީ ބަދަލު ދޭން ނުޖެހޭނެ ކަމަށެވެ. އޭސީސީން ބުނީ އެމްއޭސީއެލްއިން މާކެޓް އަގަށްވުރެ ކުޑަކޮށް ޓާމިނަލްގެ ހިންގުން ޓީއެމްއޭއަށް ދޭން އުޅެނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް