ނުރައްކާތެރި ކޮރޯނާ ވައިރަސް އުފަންވި ޗައިނާގެ ވޫހާން ސިޓީގައި ތިބި ހަތް ދިވެއްސަކު އިންޑިއާގެ ނިއުދިއްލީގައި ހުންނަ ކަރަންޓީން ފެސިލިޓީގައި ތިބެން ޖެހޭ މުއްދަތު ހަމަވުމުން ރާއްޖެ ގެނެސްފި އެވެ.
ވޫހާން ސިޓީ ބަންދު ކުރުމުން އެ ސިޓީގައި ބަންދުވެ ތާށިވެފަ ތިބީ ނުވަ ދިވެހިންނެވެ. އޭގެ ތެރެއިން އެނބުރި ގައުމަށް އަންނަން ބޭނުންވީ ހަތް ދިވެހިންނެވެ. އެހެންވެ ދިވެހި ސަރުކާރުން އިންޑިއާގެ އެހީގައި14 ދުވަހުގެ ކަރަންޓީންއަށް އެމީހުން ގެންދިޔައި ދިއްލީއަށެވެ. އެއީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ މުއްދަތު ހަމަ ކުރުމަށް ފަހު އެމީހުން މިއަދު ރާއްޖެ އައިސްފަ ވާ ކަމަށެވެ. އަދި މީގެ ކުރިން ސަރުކާރުން ހާމަކުރި ގޮތަށް މިއަދުވެސް ބުނެފައިވަނީ އެ ހަތް މީހުން ކޮރޯނާ ވައިރަސްއަށް ނެގެޓިވް ވެފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ވަނީ އިންޑިއާ ސަރުކާރަށް ވެދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.
ވޫހާ ސިޓީގައި ތިބި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނެ އެވެ. އެމީހުން އެ ސިޓީން ނެރުމުގެ ކުރިން ސަރުކާރުން ވަނީ އެ ސިޓީގައި ތިބި ކޮންމެ މީހެއްގެ ބޮލަށް ދުވާލަކަށް50 ޑޮލަރު ދޭން ފަށާފަ އެވެ.
މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ވޫހާން ސިޓީ އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. އަދި މިހާރު އެއްގަމު އުޅަނދު ފަހަރު ދުއްވުންވެސް ވަނީ މަނާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް