ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލް ހިންގުމުގެ ވިސްނުން އެއްވެސް އިރެއްގައި މޯލްޑިވްސް އެއާޕޯޓަސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ގެންގުޅެފަ ނުވާކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބޮޑެތި ތުހުމަތުތަކެއް އެ ކުންފުންޏަށް ކޮށްފި އެވެ.
އޭސީސީން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ ވީއައިއޭގަ ހަދަމުންދާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ނިމެންވާއިރަށް ހާހަކަށްވުރެ ގިނަ މުވައްޒަފުން ނަގައި މިހާރު އެ ކުންފުނިން ތަމްރީން ކުރަމުންދާކަމަށެވެ. އެކަމަކު ސީޕްލޭންގެ މަސައްކަތް ނިމިފައިވާއިރު އެތަން ހިންގަން އެމީހުން އެއްވެސް މުވައްޒަފަކު ނެގުމުގެ އިތުރުން ބަޔަކު ތަމްރީންވެސް ކޮށްފައި ނުވާކަމަށެވެ.
އާ ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން ހިންގުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅެފައި ނުވާއިރު އެމްއޭސީއެލް ފެށުނީންސުރެ ވިސްނުން ގެންގުޅެފައިވަނީ ސީޕްލޭން އޮޕަރޭޓަރުންނަށް އާ ސީޕްލޭން ޓާމިނަލް ހިންގަން ހަވާލުކުރަން ކަމަށް ބެލެވޭ އޭސީސީގެ ރިޕޯޓުގައިވެއެވެ.
އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވުމެއް ޑްރާފްޓުކޮށް، ޓީއެމްއޭއާ ހިއްސާކޮށް އެ ޑްރާފްޓް ފައިނަލް ކޮށްފައިވާ ކަމެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭގޮތުން ދެފަރާތުން ފޯނުން ގުޅައި މުއާމަލާތްކޮށްފައިވާކަން ދެ ކުންފުނީގެ މުވައްޒަފުންގެ ދެމެދުގައި އީމެއިލް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވާ މުއާމަލާތްތަކުން އެނގޭކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި އެމްއޭސީއެލްއިން ވަނީ ޓީއެމްއޭއަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފަ އެވެ. އެއީ އެފަދަ ޑްރާފްޓެއް އެކުލަވާލާ އެެއްވަސްވުމުގައި ސޮއި ކުރުމާއި ހިސާބަށް މުއާމަލާތްތައް ކުރެވިފައިވަނީ ހަމައެކަނި ޓީއެމްއޭއާ އެކުކަން ތަހުގީގަށް އެނގިފައިވާތީ ކަމަށެވެ.
އޭސީސީން ބުނީ އެމްއޭސީއެލްގެ ސިޓީއެއްގައި، އާ ސީޕްލޭން ޓާމިނަލް ހިންގުމުގެ މަސައްކަތް އެމްއޭސީއެލްގެ ދަށަށް ގެނައުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ތިން އަހަރު ދުވަސް ކަނޑައަޅާފައި ވީނަމަވެސް، އެމްއޭސީއެލް ފަދަ ތަޖުރިބާކާރު އަދި ބޮޑު ކުންފުންޏަކަށް އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އެފަދަ ތައްޔާރީތައް ވެވިދާނެ ކަމަށް ތަހުގީގަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން އެ ސިޓީގައި ތިން އަހަރު ދުވަހުގެ މުއްދަތެއް ހުށަހަޅާފައި ވަނީ އާ ސީޕްލޭން ޓާމިނަލުން ސީޕްލޭން އޮޕަރޭޓަރުންނަށް ބޮޑެތި ޖާގަތައް، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ކުޑަ ރޭޓުގައި ވީހާވެސް ގިނަ ދުވަހަކަށް ދިނުމުގެ ބޭނުމުގައި ކަމަށް އޭސީސީން ތުހުމަތުކުރެއެވެ.
ޓާމިނަލުގެ ތަންތަން ކުއްޔަށް ދޫކުރުން ފިޔަވައި، ޓާމިނަލްގެ އޮޕަރޭޝަންތައް އެމްއޭސީއެލްގެ ދަށުން ހިންގާނެ ގޮތަކާމެދު އެ ކުންފުނީގެ ކަމާގުޅޭ ޑިޕާޓްމަންޓުތަކުން ރޯލް އައުޓް މޮޑެލް އެއް ތައްޔާރުކޮށް، އެމްއޭސީއެލް އަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ޓާމިނަލްގެ އޮޕަރޭޝަންތައް ބައްޓަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އެމްއޭސީއެލް އަށް އަންގަން އޭސީސީން ވަނީ ނިންމައިފައެވެ.
އޭސީސީން ކުރިން ބުނެފައިވާގޮތުގައި އެމްއޭސީއެލްގެ ކުރީގެ ބޯޑާއި މިހާރުގެ ބޯޑުގައި ޓީއެމްއޭއާ މަންތާ އެއާގެ ވިޔަފާރިވެރިންނާއި އާއިލީ ގުޅުން ހުރި މީހުން ތިބުމަކީ ސީޕްލޭން ޓާމިނަލް އަގު ހެޔޮކޮށް ދޭން ނިންމުމުގައި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދެނީ ކަމުގަ ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް