ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅަންފެށި ހަތްހާސް ފްލެޓު ދޫކުރާނީ އޭރުގެ ސަރުކާރުން އާންމު ކުރި ލިސްޓުގައި ހުރި މީހުންނަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި މާލޭ މަގުހެދުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެ ފްލެޓުތަކުގެ މަސައްކަތް ނިންމާ ރައްޔިތުންނާއި ހަވާލު ކުރާނެ ކަމަށެވެ. ރައީސް ސޯލިހު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ އެ ފްލެޓުތަކަށް މިއަހަރު މީހުންނަށް ވަދެވޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ފްލެޓުތައް ދޭނީ މިދިޔަ ސަރުކާގަ ރައްޔިތުންނާއި އެކު ވެފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގި ވެށިފަހި ޕްރޮގްރާމްގެެ ދަށުން ފްލެޓު ނުލިބި ހުރި ފަރާތްތަކަށްވެސް ފްލެޓު ދޫކުރާނެ އެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ކުރިން އެ ފްލެޓުތައް ދޭނެ ފަރާތްތައް އިއުލާނުކޮށް އޭގެ ތެރެއިން ގިނަ މީހުންނަށް ވަނީ ފްލެޓު ލިބުނު ކަމުގެ ލިޔުންވެސް ހަވާލުކޮށްފަ އެވެ.
އެކަމަކު މި ސަރުކާރުން ބުނަމުންދަނީ އެ ފްލެޓުތައް ދީފައިވަނީ ހައްގުވެރިންނަށް ނޫންކަމަށާއި އެ ފްލެޓުތައް ދޫކުރާ ފޯމުތަކަށް ޕޮއިންޓު ދީފައި ހުރި ގޮތް ބަލައި ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރަތް ކުރުމަށް ފަހު ކަމަށެވެ. އެގޮތުން މި މަހުގެ ތެރޭގައި ވަނީ ހާލަތުބަލަން ގޭގެއަށް ދާން ގުޅުމުން ނުގުޅޭ މީހުންގެ މައުލޫމާތު އާންމުކޮށްފަ އެވެ.
މި އަހަރު ތެރޭގައި ކުރަން ނިންމާފައިވާ އިތުރު މަސައްކަތްތަތުގެ ތެރޭގައި އަންނަ ޖޫން މަހުގެ ކުރިން މާލެ އާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅާލުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދަތުރުވެރިންގެ މާރުކޭޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައި، ރޯދަ މަސް އައުމުގެ ކުރިން ވަގުތީ މާރުކޭޓެއް ހަދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް