ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރުމަށް އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީގެ މާލޭ މޭޔަރުކަމުގެ ޓިކެޓު އަނަސް ހޯއްދެވީ މިހާރުގެ މާލޭ މޭޔަރު ޝިފާ މުހައްމަދު ބަލިކުރެއްވުމަށް ފަހު އެވެ. އަނަސްއަށް ހާހަކަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ.
މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާނެކަން މިހާތަނަށް ހާމަ ކުރައްވާފައިވަނީ އަނަސްއާއި އެކު ތިން ބޭފުޅުންނެވެ. އެއީ ޕީޕީއެމް ޓިކެޓުގަ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒާއި، އަމިއްލަގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެވެ.
އަލްހާން ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް އީސީއަށް ފޯމު ހުށަހަޅުއްވާފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލޭ މޭޔަރުގެ މަގާމު އަނަސް ހޯއްދަވާނީ 12،000 ވޯޓުން ކަމަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓުންނަށް15،00 ވޯޓުވެސް ނުލިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ލޯންޗު ކުރުން އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް