ހަދަމުން ދިޔަ އިމާރާތެއްގެ 12 ވަނަ ފަންގިފިލާއިން، އައިޖީއެމްއެޗް ކައިރީގައި ހުންނަ އެފްއެސްއެމް އީޒީ ފިލް ތެރެއަށް ދަގަނޑު ހޮޅިއެއް ވެއްޓިއްޖެއެވެ. ހޮޅި ވެއްޓިފައިވަނީ އެފްއެސްއެމް އީޒީ ފިލްގެ ޓިނުގަނޑުވެސް ފޫދުއްވާލާފައެވެ.
ދުވަހަށް މައުލޫމާތުދެމުން މަންޒަރު ދުއް މީހަކު ބުނީ އެކަން ހިނގީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށާއި ދަގަނޑު ހޮޅި ވެއްޓުނީ އެތަނާ އިންވެގެން ހުރި ކޮންސްޓްރަކްޝަން ސައިޓުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ހޮޅި ވެއްޓުނީ އީޒީ ފިލްގެ އޮފީސް ބައިގެ ބޭރާއި ދިމާއިންނެވެ. ވެއްޓުނު ދިމާލާއި ގާތްގަނޑަކަށް ފަސް ފޫޓު ދުރުގައި އޮފީސް ބައި ހުންނައިރު އަނެއް ފަޅީގައި ހުންނަނީ މުވައްޒަފުން އުޅޭ ބައެވެ.
ފުލުހުންނާއި ހައުސިން މިނިސްޓްރީންވެސް އެ ސަރަހައްދަށް ގޮސް ކަން ހިނގާފައިވާގޮތް ބަލާފައިވާއިރު، ހަދަމުންދިޔަ އިމާރާތުގެ ކޮންޓްރެކްޓަރ މިހާރު ވަނީ އެ ހޮޅި އެތަނުން ނަގާފައެވެ. ހަދަމުންދިޔަ އިމާރާތުގެ ކޮންޓްރެކްޓަރ އަކީ އާރުސީސީ އެވެ. އެއީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ގެ ކަމަށް މައުލޫމާތު ލިބެއެވެ.
ދަގަނޑު ހޮޅިއެއް މިއަދު ވެއްޓިފައިވާއިރު ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ގަލަކުން ޖެހި ބިދޭސީއަކު ރޭ، މަރުވެފައިވެއެވެ. އަދި ރޭގެ ވަގުތެއްގައި ގެއަކުން ވެއްޓުނު ކަޓިން ބޯޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފަައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް