ޔޫތު މިނިސްޓްރީ ހިންގުން ވަގުތީގޮތުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ހަވާލުކޮށްފި އެވެ.
ޔޫތު މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން އަލީ ވަހީދާއި ހަވާލުކޮށްފައި މިވަނީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމުގެ ތުހުމަތާާއި ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ގޭގައި މަޑުކުރަން އަންގާފައިވާތީއެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާކުރި އެސްއޯއެފް ކުންފުނިން މިނިސްޓަރު މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައި ވެއެވެ. ނަމަވެސް މަހުލޫފް ވަނީ އެއީ ޑޮލަރު ގަތުމަށް، ރުފިޔާ ދިނުމަށް ފަހު ހިންގި "ސައްހަ ކަރަންސީ އެކްސްޗޭންޖެއް" ކަމަށް ބުނެ، އެ މުއާމަލާތުގެ ރިސިޕްޓް ވެސް އާންމުކޮށްފަ އެވެ.
މަހްލޫފް އެ މައްސަލައިގައި ވިދާޅުވެފައި ވަނީ ހިޔާނާތުގެ ފައިސާ ވަގަށް ނެގި އެސްއޯއެފް ކުންފުނިން އޭނާއަށް ޑޮލަރު ޖަމާކޮށްދީފައި ވަނީ އެ ޑޮލަރަށްވާ ފައިސާ ދެއްކުމުން ކަމަށެވެ. އަދި އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ރައީސް ސޯލިހު ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާ "ޒީރޯ ޓޮލަރަންސް" ޕޮލިސީގެ ދަށުން، އެެ މައްސަލަ ބަލާ ނިމެންދެން މަހުލޫފް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓް ނެރުމާއެކު މަހްލޫފްގެ އިތުރުން ފައިސާ ލިބިފައިވާ ކަމަށް ރިޕޯޓުން ބުނާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ވަނީ ވަޒީފާއަށް ނިކުތުން މަނާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް