ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު ރަސްމީ ދަތުރުފުޅަކާއި އެކު ޗުއްޓީ ހޭދަ ކުރެއްވުމަށް ރާއްޖެ ވަޑައިގެންނަވަން ނިންމައިފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު ރައީސް އަބްދުﷲ ޔާމީން ސައޫދީއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ ރަސްގެފާނަށް ވަނީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ދަތުރުޅުގައި ރަސްގެފާނު ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން އަންނަ އެޑްވާންސް ޓީމު މިހާރު ރާއްޖެ އައިސްފި އެވެ. އެކަމަކު ރަސްގެފާނު ސަލްމާން ވަޑައިގެންނަވާ ދުވަހެއް ނޭނގެ އެވެ.
ރަސްގެފާނުގެ މި ދަތުރުފުޅުގައި ރަސްމީ މަޝްވަރާތަކެއްކޮށް މުހިންމު ޕްރޮޖެކްޓުތަކަކާއި ގުޅޭގޮތުން ނިންމުންތަކެއް ނިންމަން ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގެންނަވަނީ ފ. އަތޮޅުގައި ސައުދީން ބޮޑު މަޝްރޫއެއް ފަށަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ވަގުތެއްގަ އެވެ. މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ދެ ގައުމުގެ ގުޅުމާއި މެދު ޝައްކުކޮށް ސައުދީއަށް ފ. އަތޮޅު ވިއްކާލަން އުޅޭކަމުގެ ތުހުމަތު ކުރަމުންނެވެ.
ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ ގޮތުގައި ސަލްމާން ބިން އަބްދުލް އަޒީޒް ހުންނެވި ދުވަސްވަރު 28 ފެބްރުއަރީ 2014 ގައިވެސް އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް