ކުޑަ ކުއްޖާއަށް އިންސާފު ހޯދައިދީ، ކުށްވެރިންނަށް ހައްގު އަދަބު ލިބެންޖެހޭ: ރައީސް

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މ...

18 Jan 2020 | 07:32

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ކުޑަކުއްޖާގެ ރޭޕްގެ މައްސަލައިގަ ރައީސް ސޯލިހު މިއަދު ވަނީ ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވާ މައްސަލަ ބަލަމުންދާ ގޮތުގެ ތަފްސީލް ހޯއްދަވާފައި އެވެ. މި ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެހެން ބައެއް އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ވަނީ އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައި އެވެ. އަދި ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް މި މައްސަލަ ވީހާވެސް ރަނގަޅަށް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.

މުލިއާ ގޭގައި އޮތް މި ބައްދަލު ކުރެއްވުމުގައި މި ހާދިސާއާ ގުޅިގެން އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރި އެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ އެވެ. ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބުނީ އެ ކުއްޖާ ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރީ ކާފަ ކަމަށެވެ. ބައްޕަ ހައްޔަރު ކުރީ މަންމަގެ އާއިލާ އާއި ކުއްޖާ ހަވާލު ކުރުމަށް ދެކޮޅު ހެދުމުން ކަމަށެވެ. މީގެ އިތުރުން މުނިކާފަ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް