ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައިގަ އިއްޔެ ހުޅުމާލޭގައި ކުރި މުޒާހަރާއިގަ27 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ހުޅުމާލޭގައި އާންމުން އެއްވެ މުޒާހަރާ ކުރީ އެ ކުއްޖާގެ ބައްޕަ ހުޅުމާލޭ ފްލެޓް108 ގެ ފްލެޓެއްގައި ހުރިކަމަށް ބުނެ ހައްޔަރު ކުރުމަށް ގޮވާލާ އެވެ. ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ އޭނާ އެ ފްލެޓުގައި ހުއްޓަ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައި އެވެ.
ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ26 ފިރިހެނުންނާއި އަންހެނެކެވެ. އޭގެ ތެރޭގައި18 އަހަރުން ދަށުގެ ތިން ކުދިން ހިމެނެ އެވެ.
ފުލުހުން ބުނީ އެ ތިން ކުދިން ރޭގެ ވަގުތެއްގައި އާއިލާ އާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ އާއި ގުޅުމެއް ނެތް މީހުންގެ ގޮތުގައި ފާހަގަވެގެން ހައްޔަރު ކުރި އަންހެން މީހާ އާއި ހަތަރު ފިރިހެނުން ރޭ ދޫކޮށްލާފައިވާ ކަމަށެވެ.
މި މައްސަލައިގަ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ19 މީހުންނެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުއްޖާގެ ބައްޕަ އަބްދުއް ސަލާމްއާ ގުޅޭގޮތުން ހުށަހަޅާފައިވަނީ، އެ ކުއްޖާގެ މަންމަ ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދިއުމުން ކުއްޖާ ދިރިއުޅުނު މާހައުލު ރައްކާތެރި ތަނަކަށް ނުވާތީ ކުއްޖާގެ މަންމަ ފަރާތުގެ އާއިލާ އިން، ކުއްޖާ މަންމައާ ހަވާލުކުރުމަށް މަސައްކަތްކުރުމުން ކުއްޖާގެ ބައްޕަ އެކަމަށް ހުރަސްއަޅައި، ކުއްޖާ ނުދިން މައްސަލަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް