ކުއްޖާ ރޭޕް ކުރުމުގެ ތުހުމަތު ކާފައަށް، ބައްޕަގެ މައްސަލައަކީ ކުއްޖާ ހަވާލުނުކުރުން

ގއ. ކަނޑުހުޅުދޫގައި2 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައިގަ ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރެއިން އެ ކުއްޖާ ރޭޕް ކުރުމުގެ ތުހުމަތު ކުރަނީ އެ ކުއްޖާގެ ބައްޕަ ފަރާތު ކާފަ އިބްރާހިމް ދީދީއަށް ...

18 Jan 2020 | 05:11

ގއ. ކަނޑުހުޅުދޫގައި2 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައިގަ ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރެއިން އެ ކުއްޖާ ރޭޕް ކުރުމުގެ ތުހުމަތު ކުރަނީ އެ ކުއްޖާގެ ބައްޕަ ފަރާތު ކާފަ އިބްރާހިމް ދީދީއަށް ކަމަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ބުނެފި އެވެ.

ދެ އިދާރާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްޖާގެ ބައްޕަ އަބްދުއް ސަލާމްއާ ގުޅޭގޮތުން ހުށަހަޅާފައިވަނީ، އެ ކުއްޖާގެ މަންމަ ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދިއުމުން ކުއްޖާ ދިރިއުޅުނު މާހައުލު ރައްކާތެރި ތަނަކަށް ނުވާތީ ކުއްޖާގެ މަންމަ ފަރާތުގެ އާއިލާ އިން، ކުއްޖާ މަންމައާ ހަވާލުކުރުމަށް މަސައްކަތްކުރުމުން ކުއްޖާގެ ބައްޕަ އެކަމަށް ހުރަސްއަޅައި، ކުއްޖާ ނުދިން މައްސަލަ ކަމަށެވެ.

އެ ކުއްޖާގެ މުނިކާފަ ހަސަން މޫސާ ދީދީ އަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ބުނެފައިވެ އެވެ. އެކަމަކު ކާފަ ހައްޔަރު ކުރީ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ކަމެއް ބަޔާނުގައި ފާހަގަކޮށްފައެއް ނުވެ އެވެ.

ކުއްޖާގެ މައިންބަފައިންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ބައެއް ކަމަށް ބުންޏެވެ.

ކުއްޖާ އަށް ޖިންސީ އަނިޔާކުރިކަމުގެ މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު އެ މިދިޔަ ބުދަ ދުވަހުގެ ރޭ 7:30 ހާއިރު ކުއްޖާ ދިރިއުޅެމުން ދިޔަ މާހައުލަށް ކޭސް ވޯކަރުންނާއި ފުލުހުން ގޮސް މައުލޫމާތު ސާފުކުރުމަށް ފަހު މެޑިކަލް އެސެސްމަންޓެއް ހެދުމަށްޓަކައި އެ ރޭ 8:45 ހާއިރު މިނިސްޓްރީގެ ކޭސް ވޯކަރުންގެ ބެލުމުގެ ދަށަށް ގެނެސް ހަމަ އެ ރޭ 10:55 ހާއިރު ކުއްޖާ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ބުންޏެވެ.

ޑޮކްޓަރަށް ދައްކައި ބެލި ބެލުމުން، ކުއްޖާ އަށް ޖިންސީ އަނިޔާކޮށްފައިވާކަމަށް ބެލެވޭތީ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށްޓަކައި ކުއްޖާ، އާއިލާގެ ފަރާތުން ބޮޑު ދައިތައާ ވަގުތީގޮތުން ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ. ނަމަވެސް އެ ބޮޑުދައިތަ އަށް ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުވުމުގައި ދަތިތަކެއް ހުރުމުން، އެ ކުއްޖާ ބަލަހައްޓަން މާމައާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.

"މާމައާ ކުއްޖާ ހަވާލުކުރުމަށާއި ކުއްޖާ އަށް ޖިންސީ އަނިޔާކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ ކުއްޖާ އަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަންކުރުމަށްޓަކައި ޖެނުއަރީ 17، 2020 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު ކުއްޖާގެ މަންމަ ފަރާތު ބޮޑު ދައިތައެއްގެ ހަވާލުގައި ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނެވި ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވެ އެވެ،" ބަޔާނުގައި ބުންޏެވެ.

މި މައްސަލައިގަ ހައްޔަރު ކުރި ތިން މީހުންވެސް މިހާރު ތިބީ ފުލުހުންގެ ހައްޔަރުގައި ދޫނިދޫގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް