މެލޭޝިޔާގައި ކުޑަކުދިންނަށް ރޭގަނޑު ވަކި ވަގުތެއްގެ ފަހުން ބޭރުގައި ނޫޅެވޭގޮތް ހަދަނީ

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން، ރޭގަނޑު ވަކި ވަގުތެއްގެ ފަހުން ބޭރުގައި ނޫޅެވޭގޮތް ހަދަން މެލޭޝީޔާއިން ނިންމައިފިއެވެ. މިކަން މިގޮތަށް ކުރުމަށް ނިންމާފައިވަނީ އެ ގައުމުގައި އިއްޔެ ބޭއްވި އެ ގަ...

18 Jan 2019 | 03:45

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން، ރޭގަނޑު ވަކި ވަގުތެއްގެ ފަހުން ބޭރުގައި ނޫޅެވޭގޮތް ހަދަން މެލޭޝީޔާއިން ނިންމައިފިއެވެ.

މިކަން މިގޮތަށް ކުރުމަށް ނިންމާފައިވަނީ އެ ގައުމުގައި އިއްޔެ ބޭއްވި އެ ގައުމުގެ ކެބިނެޓް ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑަޓޫކް ސެރީ ޑރ. ވަން އަޒީޒާ ވަން އިސްމާއީލް ބުނެފައިވަނީ އެކަން ކުރަން ނިންމާފައިވަނީ ކުޑަކުދިންނަށް ހާއްސަ ކާފިއުއެއް ހިންގައިގެން ކަމަށެވެ. އެއީ ފުލުހުންގެ އެދުމުގެ މަތިން ގެންނަ ބަދަލެއް ކަމުގައި އޭނާ ބުނެފައިވެއެވެ.

އެ ގައުމުގައި މިކަން ހިންގަން ވިސްނަނީ އައިސްލޭންޑްގައި އެކަން ކުރަމުން އަންނަ ގޮތަށް ކަމަށް ބުނެފައިވެއެވެ.

އައިސްލޭންޑްގައި އުމުރުން 12 އަހަރުން ދަށުގެ ކުދިން ރޭގަނޑު އަށެއްގެ ފަހުން ބެލެނިވެރިޔަކާ ނުލާ ބޭރުގައި އުޅުން މަނަލެވެ. އުމުރުން 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިން ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިއަކާ ނުލާ ބޭރުގައި އުޅުން މަނަލެވެ. އަދި 16 އާއި 18 އާއި ދެމެދުގެ ކުދިން ރޭގަނޑު 12ގެ ފަހުން، ބެލެނިވެރިއަކާ ނުލާ ބޭރުގައި އުޅުން މަނަލެވެ.

މަނާ ވަގުތުތަކުގައި ކުދިން ބޭރުގައި އުޅޭނަމަ ޕޮލިހަށް ގެންދެއެވެ. އެކުއްޖަކު ދޫކޮށްލަނީ އެކުއްޖެއްގެ ބެލެނިވެރިއަކު ގޮސް ހަވާލުވުމުންނެވެ. ޖޫރިމަނާވެސް ވަކި ވަރަކަށް، ވަކި ހާލަތްތަކެއްގައި ކުރެއެވެ.

މެލޭޝިޔާއިން ބުނެފައިވަނީ މި މޮޑެލަށް މިކަން ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެކަން ކުރުމުގެ މަގްސަދަކީ ނުބައި އަމަލުތަކުން ކުޑަކުދިން ދުރުކުރުން ކަމަށެވެ. ބެލެނިވެރިންގެ އެއްބާރުލުން ލިބޭނެ ކަމުގައި ޔަގީން ކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް