ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭ ގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު ފުރަތަމަ ލެގުގެ މެޗުތަކުން، ވަރަށް ރަނގަޅު ފޯމެއްގައި އޮތް ބާސެލޯނާ އަދި ސްޕެއިންގެ ގަދަ ބާރެއް ކަމަށްވާ އެތުލެޓިކޯ މެޑްރިޑް ވެސް ބަލިވެއްޖެއެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ރަށުން ބޭރުގައި ކުޅުނުއިރު ބާސެލޯނާ ބަލިވީ 1-0 ގެ ނަތީޖާއިން އެސްޕަންޔޯލް އަތުންނެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުން ބާސެލޯނާ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ބާސެލޯނާގެ ދިގުދެމިގެން ދިޔަ މެޗަކުން ބަލި ނުވުމުގެ ރެކޯޑަށް ނިމުމެއް އައިއިރު، ރޭގައި އެ ޓީމަށް ޕެނަލްޓީއެއް ލިބި މެސީއަށް ވަނީ ޕެނަލްޓީއިން ލަނޑު ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.
ބާސެލޯނާއިން މެޗު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ރޭގައި އެ ޓީމަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވިއެވެ. އަނެއްކޮޅުން މެސީ ފޮނުވާލި ޕެނަލްޓީ އެސްޕަންޔޯލްގެ ކީޕަރ ޑިއޭގޯ ލޮޕޭޒް މަތަކުރިއިރު، އެސްޕަންޔޯލް މޮޅުކޮށްދިން ލަނޑު މެޗުގެ 88 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އޮސްކާ މެލެންޑޯ އެވެ.
ފުރަތަމަ ލެގުން ކުޑަ ތަފާތަކުން ބާސެލޯނާ ބަލިވި ނަމަވެސް، އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން ނަތީޖާ ބަދަލުކޮށްލައި ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ބާސާއަށް އޮންނާނެއެވެ.
ފުރަތަމަ ލެގުގެ މެޗުން ސެވިއްޔާ އަތުން 2-1 ގެ ނަތީޖާއިން އެތުލެޓިކޯ ބަލިވީ އެ ޓީމުގެ ދަނޑުގައެވެ. މެޗުގެ ކުރީކޮޅުގައި ޑިއޭގޯ ކޮސްޓާ ކާމިޔާބު ކޮށްދިން ލަނޑާއެކު އެތުލެޓިކޯއަށް މެޗުން މޮޅު ވެވޭނެ ކަމަށް ބެލެވުނު ނަމަވެސް ސެވިއްޔާއިން ވަނީ ނަތީޖާ އަނބުރާލާފައެވެ.
ފަހަތުން އަރާ މޮޅުވެ ދެ ވަނަ ލެގަށް ބޮޑު އެޑްވާންޓޭޖެއް ސެވިއްޔާއިން ނެގިއިރު އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޖީސަސް ނާވަސް އާއި ކޮރެއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް