ދައުލަތުގެ މީޑިޔާގައި 13 އަހަރު މަސައްކަތް ކުރުމަށްފަހު އިސްތިއުފާދިން ޕީއެސްއެމްގެ މަޝްހޫރު ސްޕޯޓްސް ޖަރނަލިސްޓް ހަފްސީ އަބްދުﷲ ފުރަތަމަ ފަހަރަށް ސިޔާސީ ޕޯޑިޔަމް އަކަށް އަރާ ވާހަކަ ދައްކައިފިއެވެ. ދައުލަތުގެ މީޑިޔާއިން ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ސިފަ ގެއްލި ހަމަހަމަ ކަމާއެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެވޭނެ ޖާގައެއް އަދި މާހައުލެއް ނެތް ކަމަށް ބުނެ ދައުލަތުގެ މީޑިޔާއިން އިސްތިއުފާދިނުމަށްފަހު ހަފްސީ ވަނީ އިދިކޮޅު އިއްތިހާދާ ގުޅިފައެވެ. ސެޕްޓެމްބަރ މަހުގެ އެއް ވަނަ ދުވަހު ހަފްސީ ޕީއެސްއެމް އިން އިސްތިއުފާދިނުމަށްފަހު އިދިކޮޅު އިއްތިހާދާ ގުޅިފައިވާ އިރު ހަފްސީ ވަނީ އެމްޑީޕީ އަށް ސޮއިކޮށްފައެވެ. އަދި މިހާރު އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަފްސީ ބައިވެރިވެއެވެ.
ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މިއަދު ނ.ލަންދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ބޭއްވި ޖަލްސާގައި ހަފްސީ ވަނީ ވާހަކަދައްކާފައެވެ. ހަފްސީގެ އުފަން ރަށުގައި ބޭއްވި މި ޖަލްސާގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕޯޑިޔަމެއްގައި ހުރެ ވާހަކަ ދައްކަމުން ހަފްސީ ބުނެފައިވަނީ ގުޅެފައިވާ ޕާޓީތަކުން ބޭއްވި ބޮޑު ޖަލްސާގައި ބައިވެރިވި ކަމަށާއި އެ ޖަލްސާގައި ބައިވެރިވުމުން ރަނގަޅު ދިމާލުގައި ގައި ހުރެވުނު ކަމުގެ އިހުސާސް ކުރެވުނު ކަމުގައެވެ.
" އެންމެ ފުރަތަމަ ސިޔާސީ ބޮޑު ހަރަކާތެއްގައި އަޅުގަނޑު އަމިއްލަ ހިތް ހަމަޖެހުމަށް އެންމެ ފަހުން އިދިކޮޅުން ބޭއްވި ޖަލްސާގައި ބައިވެރިވި ވުމުގެ ހިތްހަމަޖެހުން އަޅުގަނޑު އަމިއްލައަށް ލިބި ގަތިން. އުފާވެރިކަމުގެ އިހުސާސެއް އަޅުގަނޑަށް ކުރެވުނީ. އެމްޑީޕީގެ މެމްބަރުން ޖުމްހޫރީ ޕާޓީގެ މެމްބަރުން، އަދާލަތު ޕާޓީގެ މެމްބަރުން، އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ މެމްބަރުންގެ ޖޯޝާއި ފޯރި ކެކިގެން އަރާތަން ފެނުނީމަ، އަޅުގަނޑަށް ވެސް ވަރަށް ފޯރިއާދޭ. އަޅުގަނޑުގެ ހިތަށް އެރި އަދިކިރިޔާއޭ، ރަނގަޅު ދިމާލުގައި މި ހުރެވުނީ." ޖޯޝުން ފުރިގެންވާ ރާގެއްގައި ވާހަކަ ދައްކަމުން ހަފްސީ ބުންޏެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އެންމެ ލޯލާރިއެއްގައިވެސް ނުޖެހޭނެ ކަމުގެ ޔަޤީން ކަން ދެއްވާފައި ކަމަށާއި އެއަށް ވުރެ ބޮޑު އުފާވެރިކަމެއް އެއަށްވުރެ ބޮޑު ޔަޤީންކަމެއް ދެން ކޮބައިތޯ ހަފްސީ ވަނީ ސުވާލު އުފައްދާފައެވެ. ހަފްސީ ބުނީ ރާއްޖެއަކީ ޖަޒީރާ ރާއްޖެ އެއް ކަމަށާއި އެކޮންސެޕްޓް ނޭންގި ތަރައްޤީގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށެވެ. ޖަޒީރާ ކޮންސެޕްޓަކަށް މެނުވީ ތަރައްޤީ ބޭނުން ނުވާކަމަށް ހަފްސީ ބުންޏެވެ.
ނޫސްވެރިކަމުގެ ދާއިރާއިން ޤައުމީ އިނާމު ހާސިލްކޮށްފައިވާ ހަފްސީ ނޫސްވެރިކަން ދޫކޮށް އިދިކޮޅާއި ގުޅި މަސައްކަތް ކުރަން ފެށުމުން އެކަމަށް ހިތްވަރު ދެއްވާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބޫ ވިދާޅުވީ ހަފްސީ ނިކުމެ އެހުރީ މިނިވަން ނޫސްވެރިކަން ކުރެވުން ނެތުމުން މިނިވަން ނޫސްވެރިކަމެއް ހޯދުމަށް ކަމަށެވެ.
" ޓީވީއެމްގައި ވަރަށް ބުރަކަށް މަސައްކަތް ކުރައްވާ، ވަރަށް ގިނަ ބައެއްގެ އިޚުތިރާމް ލިބިފައިވާ ނޫސްވެރިއެއް. އެހެންނަމަވެސް މިނިވަން ނޫސްވެރިކަން ނެތުމުން ، މިނިވަން ނޫސްވެރިކަން ހޯދުމަށްޓަކައި ވަޒީފާ ދޫކޮށްލާފައި ނިކުމެ ވަޑައިގެން މިއަދު އެހުންނެވީ އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެން." އިބޫ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް