މިއަދު ހެނދުނު މާލޭގައި ޒުވާނަކު ޒަހަމްވެފައިވަނީ މީހެއްގެ ހަމަލާއަކުން ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ހެނދުނު ނޫސްވެރިންނަށް ފޮނުވި މެސެއްޖެގައި ބުނެފައިވަނީ މެހެލި ގޯޅީގައި މީހަކު ޒަހަމް ކޮށްލި ކަމުގެ ރިޕޯޓު 8:10 ގައި ކުރި ކަމަށެވެ. މި ހާދިސާގައި 22 އަހަރުގެ ފިރިހެނަކު ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ބުނެފައިވެ އެވެ.
އޭގެ ފަހުން ފުލުހުންގެ މީޑިއާ އޮފިޝަލް ހަވީރު ވިދާޅުވީ ތަހުގީގަށް އެނގުނު ގޮތުގައި އަނިޔާވެފައިވާ މީހާއަށް ލިބިފައިވާ އަނިޔާތަކަކީ އެހެން މީހަކު ދިން ހަމަލާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ނޫންކަން އެނގިފައިވާ ކަމަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަނިޔާތަކަކީ އަނިޔާ ލިބުނު މީހާ ގެންގުޅުނު އެއްޗަކުން އެ މީހާއަށް ލިބުނު އަނިޔާތަކެއް ކަމަށް ތަހުގީގަށް މިހާތަނަށް އެނގިފަވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ހަމަލާދިން ސަރަހައްދުގެ ބައެއް ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެއިން ފެންނަ ގޮތުގައި ގެއެއްގެ ދޮރުމަތިން ހިޔާކޮށްފައި އޮތް ތަނެއްގެ ތެރޭ އޮތީ ހަމަލާގައި ޒަހަމްވި މީހާގެ ލެއިން ކޯރު ހެދިފަ އެވެ. އެ ގޭގެ ފާރުގައި ވެސް ލޭ ހޭކިފައި ހުރިއިރު މަގުމަތީގެ އެކި ތަންތަނުން ވެސް ލޭގެ އަސަރު ފެންނަން އެބަ ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް