ފިލިޕިންސްއަށް ތޫފާން "ރައި" އަރާ ގެއްލުންވި ތަންތަނުގެ ތެރޭގައި ދިވެހި ދަރިވަރުން ދިރިއުޅޭ ގެތައް ހިމެނުނު ނަމަވެސް އެ ކުދިންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފިލިޕިންސްއަށް މި ތޫފާން އެރި ގަޑީގައި ގަޑިއަކު 195 ކިލޯމީޓަރު (121 މޭލު) ބާރުމިނުގައި ވައި ޖެހުނެވެ. އަދި އޭގެ ފަހުން ބިންގަނޑު ކަަނޑައިގެން ދިއުމުގެ ހާދިސާތައް މިހާޜު ދަނީ ކުރިމަތިވަމުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހި ދަރިވަރުން ތިބި ބައެއް ސިޓީތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ. އެކަމާއި ގުޅިގެން މިނިސްޓްރީން ދަނީ އެ ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލަމުންކަމަށާއި ހުރިހާ ކުދިންގެ ހާލުވެސް އަދި ރަނގަޅު ކަމަށެވެ.
ތޫފާގައި ދިވެހި ދަރިވަރުން ދިރިއުޅޭ ބައެއް ކޮޓަރިތަކުގެ ފުރާޅު އެއްލާލާފައިވެ އެވެ. އަދި ބައެއް ދަރިވަރުން ދިރިއުޅޭ ސަރަހައްދުތަކުން އިއްޔެއިން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށް ވެ އެވެ.
މި ތޫފާނުގައި ފެން ބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން މިހާރު ވެސް 10،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ގެންގޮސްފަ އެވެ. ފިލިޕިންސްގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ތޫފާން ރައިގެ ސަބަބުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާނެތީ އެކަމުގެ އިންޒާރުދީފަ އެވެ.
ތޫފާނުގެ ބާރު މިހާރު ދަށްވެފައި ވާއިރު، ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް