ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި މި ސެންޓަރުން ގުޅިގެން ހައި-ލެވެލް ފޯރަމް އޮން ސޯޝަލް ރެޒިލިއެންސް އިން ދި މޯލްޑިވްސް ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ 4 ދުވަހުގެ މުއްދަތަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށް ގެންދެވުނު "ސްޓޭކްހޯލްޑަރ ރައުންޑްޓޭބަލް އޮން ބިލްޑިންގ ސޯޝަލް ރެޒިލިއެންސް އިން ދަ މޯލްޑިވްސް" ގައި ފާހަގަކުރެވުނު ކަންތައްތައް ހުށަހަޅައި، މުސްތަޤުބަލުގައި މި ދާއިރާގައި މަސައްކަތްކުރާ މުއައްސަސާތަކެއްގެ މަސައްކަތްތައް ރާވާ ބައްޓަންކުރާނެ ގޮތްތަކާއިމެދު މަޝްވަރާކުރުމެވެ. އަދި ހައްދުފަހަނައަޅާ ދިއުމާއި ހަރުކަށި ފިކުރު ހުއްޓުވުމަށް ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތައް އެއް މޭޒެއްގެ ދަށަށް ގެނެސް މިހާރު ކުރެވޭ މަސައްކަތްތަކާއި، ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަތުމާއި، މި މަސައްކަތުގައި ހުރިހާ އެންމެން ގުޅިގެން ކުރެވިދާނެ ކަންކަން ފާހަގަކޮށް، ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުންޓަރިންގ ވަޔަލަންޓް އެކްސްޓްރީމިޒަމްގައިވާ ކަންކަން ހާސިލްކުރުމަށް މަގުޗާޓެއް އެކުލަވާލުމެވެ.
ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އެން.ސީ.ޓި.ސީގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޒަކަރިއްޔާ މަންޞޫރު ވިދާޅުވި ގޮތުގައި އެކްޝަން ޕްލޭނެއް ކާމިޔާބުވާނީ މި ކަމުގައި ޝާމިލްމާ އެންމެންގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށް ފާހަގަކުރެއްވެވިއެވެ.
މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވަމުން ވާހަކަފުޅު ދައްކަވަމުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝާން ލަޠީފް ވިދާޅުވީ ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ ބައިނަލްއަޤްވާމީ މައްސަލައެއްކަމަށާއި، މިކަމަށް ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ ގޮތަށް ހައްލުތައް ހޯދައި މުޖުތަމަޢުގެ ބައިވެރިވުން އޮންނަން ޖެހޭނެކަމަށެވެ.
މި ބައްދަލުވުންތަކުގައި ސަރުކާރުގެ 17 އިދާރާއަކުންނާއި 2 މަދަނީ ޖަމިއްޔާއިން 23 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް