ބ. މާޅޮހު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފި

ބ. މާޅޮހު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކުރިއަށް ގެންދާ މި މަޝްރޫޢު ރަސްމީކޮށް ފައްޓ...

17 Dec 2021 | 14:11

ބ. މާޅޮހު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކުރިއަށް ގެންދާ މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު އެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއަރމަން މުހައްމަދު އަބްދުﷲ އާއި ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހް އަދި އެރަށު ކައުންސިލުގެ ރައީސް އަބްދުﷲ ޝުޖާއު ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫއަށް ބޭނުންވާ ހޮޅިއާއި އެހެނނިހެން ތަކެތި އެރަށަށް ގެންގޮސްފައިވާއިރު، ފެނާއި ނަރުދަމާގެ ނިޒާމުގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރުވަނީ ފަށާފަ އެވެ. އަދި ފެންޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 23 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފަ އެވެ.

އެ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 4.94 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކް ގާއިމުކޮށް، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް އަދި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އަދި ރައްކާތެރިކަމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

މާޅޮހު ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 4.50 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކިށް، 250 މީޓަރުގެ ޕަންޕިންގ ލައިން އަޅައި، 2 ޕަންޕިންގ ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައި ވެއެވެ.

މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މާޅޮހުގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ވެސް އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް ނިމުމުން އެރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޑަބްލިޔުއެސްސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 60.45 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް