މާވިންގެ ދިވެހި ލޯބިވެރިޔާގެ ބަންދަށް 15 ދުވަސް ޖަހައިފި

އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ މާވިންގެ ދިވެހި ލޯބިވެރިޔާގެ ބަންދަށ...

17 Dec 2021 | 12:04

އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ މާވިންގެ ދިވެހި ލޯބިވެރިޔާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރު ކުުރި އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދުގައި ބެހެއްޓުމަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމުގައެވެ.

މޭރީގެ މަރުގެ މައްސަލައިގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ދިވެހި ނަރުހެއް ކަމަށްވާ އުމުރުން 24 އަހަރުގެ ހަލީމަތު ލަމްހާ އަބްދުއްރަހްމާނެވެ.

މޭރީގެ މަރުގެ މައްސަލައިގައި މާވިން ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާ ކުރުމަށްޓަކައި ފުލުހުން ވަނީ މީގެ ކުރިން ދިވެހި ނަރުސްގެ ފޯނު ހިފަހައްޓާފައެވެ. އަދި އޭނާ އައިޖީއެމްއެޗްގެ ވަޒީފާ އިންވެސް ސަސްޕެންޑް ކޮށްފައިވެއެވެ.

މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަ މޭރީގެ މަރާއި އެކު މީޑިއާގައި ތިލަކުރީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ކަމުގެ ހަގީގަތް އެނގޭ މީހުންނެވެ.

ފުލުހުން ލަމްހާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މޭރީ މަރަން ރޭވުމާއި މަރު ފޮރުވުމުގެ ތުހުމަތު ހިމެނެ އެވެ.

އަދި ކުށެއް ކުރަން އުޅުން، ކުށެއް ކުރުމަށް އެދުން، ކުށް ކުރުމަށް ރޭވުން، ކުށްކުރުމުގެ އާލާތް އަތުގައި ހުރުން، މަރެއް ފޮރުވުން އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ހިމެނެ އެވެ.

މޭރީގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނު ގޮތުގައި އޭނާ މަރުވެފައިވަނީ ބޮލަށް ލިބުނު ޒަހަމްތަކަކާއި ގުޅިގެން ނެވެ.

މޭރީގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ދަންޖެހިގެން މަރުވި ކަމުގެ އެއްވެސް ނިޝާނެއް މޭރީގެ ހަށިގަނޑުން ފެންނަން ނެތުމުގެ އިތުރުން ދަންޖެހުނު ކަމަށް ބުނާ ތަން ފުލުހުން ދިއުމުގެ ކުރިން މާވިން ސާފު ކުރި ކަމަށް ބުނުމުންނެވެ. އަދި އެ ތަނަނީ މީހަކަށް ދަންޖެހެވޭ ގޮތަށް ހުރި ތަނަކަށް ނުވުން ހިމެނެ އެވެ.

މޭރީގެ މަރުގެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި އޭނާގެ ފިރިމީހާ މާވިންގެ ލޯބިވެރިޔާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައި ވާއިރު މާވިން އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް