އިނގުރައިދޫގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާ ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލާއި ބައްދަލުކުރައްވާ ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އިނގުރައިދޫ ކައުންސިލުން ވަނީ އެރަށުގެ ފެނާއި ނަރުދަމާ ނިޒާމުފަދަ ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތައް ކުރިޔަށްގެންދަވާތީއާއި ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމެނޭތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އިނގުރައިދޫ ކައުންސިލަރުން ވަނީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހެދުމާއި ބަނދަރާއި ބަނދަރަށް ވަދެނިކުމެވާ ނެރާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅެގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ކުނިމެނޭޖުކުރުމުގައި ހުރި ދަތިތަކާއި ކައުންސިލު އިދާރާއާއި ޞިއްޙީ މަރުކަޒާއި ސްކޫލުގެ އިމާރާތުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަމުގެ މައްސަލައާއި ރަށުގެ ގެދޮރުގެ ދަތިކަން ވެސް ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން އެސަރަޙައްދުގައި އެއަރޕޯޓެއް އެޅުމާއި އެރަށަށް އައު މިސްކިތެއްގެ މުހިންމުކަމާއި މި ނޫންވެސް ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ މުހިންމުކަންކަން ކައުންސިލަރުން ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގުރައިދޫ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތަކާއި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ހިއްސާކުރައްވާފަ އެވެ.
އެގޮތުން އިނގުރައިދޫގައި މިހާރު ކުރިޔަށްދާ ފެނާ ނަރުދަމާގެ މަސައްކަތް ނިމުމުން އެރަށުގެ މަގުހެދުމުގެ މަޝްރޫޢު ސަރުކާރުން ކުރިޔަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ބަނދަރާއި ސްކޫލުގެ އިމާރާތުގެ ދަތިކަމާއި ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެ އެރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ބަޖެޓުގައި ހިމަނައިގެން ސަރުކާރުން ކުރިޔަށްގެންދަވާނެކަމަށާއި އެކަންކަން ސަރުކާރުން ކުރިޔަށްގެންދަވާނީ އެ ދާއިރާއެއްގެ އަދި އެރަށެއްގެ ރައްޔިތުންގެ ލަފަޔާއި މަޝްވަރާއާއެކު ކަމުގައި ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް