ރާއްޖެ ބަރޯސާވަނީ ޓޫރިޒަމަށް، އެހެންވެ ސަރުކާރުން ތިމާވެށި ރައްކާތެރި ކުރުމަށް ވަރަށް މަސައްކަތްކުރޭ: ޑރ. މައުސޫމް

ދިވެހިރާއްޖެ ބަރޯސާވާ އެންމެ ބޮޑު އިންޑަސްޓްރީއަކީ ޓޫރިޒަމް އިންޑަސްޓްރީކަމުން ދިވެހި ސަރުކާރުން ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން ތަފާތު މަސައްކަތްތައް ކުރަމުންދާކަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ...

17 Dec 2021 | 09:05

ދިވެހިރާއްޖެ ބަރޯސާވާ އެންމެ ބޮޑު އިންޑަސްޓްރީއަކީ ޓޫރިޒަމް އިންޑަސްޓްރީކަމުން ދިވެހި ސަރުކާރުން ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން ތަފާތު މަސައްކަތްތައް ކުރަމުންދާކަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދަ ފިއުޗަރ އިން މޯޝަން“ ތީމުގެ ދަށުން ކުރިއަށް ގެންދިޔަ ފޯރަމްގައި ވާހަކަ ދައްކަވަމުން ނެވެ.

ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަންތަކުގެ ތެރެއިން "ކްލައިމެޓް އެކްޝަން- ދަ ފަސްޓް ފްރޮންޓިއަރ" ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ވިދާޅުވީ 2030 އަށް ދިވެހިރާއްޖެ ނެޓް ޒީރޯ އަށް ޓާގެޓް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖެ ބަރޯސާވާ އެންމެ ބޮޑު އިންޑަސްޓްރީއަކީ ޓޫރިޒަމް އިންޑަސްޓްރީ ކަމުން ދިވެހި ސަރުކާރުން ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން ތަފާތު މަސައްކަތްތައް ކުރަމުންދާކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް އެންމެ ފަހުގެ ޔޫ.އެން ޖެނެރަލް އެސެންބްލީގައި ދެއްކެވި ވާހަކަފުޅަށް ވެސް މިނިސްޓަރ އަލިއަޅުއްވާލެއްވި އެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ގްލޯބަލް ވޯރމިންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި، ތަރައްޤީ ވެފައިވާ ޤައުމުތަކުން ކުދި ޤައުމުތަކަށް ޓެކްނިކަލް ސަޕޯޓް ދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ފޯރަމްގައި ބައެއް ޤައުމުތަކުގެ ވެރިންނާއި، ޓޫރިޒަމް މިނިސްޓަރުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.

ރަސް އަލް ޚައިމާގެ ރޫލާ އަދި ޔޫއޭއީ ސުޕްރީމް ކައުންސިލް މެމްބަރ ޝެއިޚް ސައުދު ބިން ސަޤްރ އަލް ޤަސީމީ އިފްތިތާޙުކޮށްދެއްވި މި ފޯރަމްގައި މިނިސްޓަރ މަޢުޞޫމް ބައިވެރިވެވަޑައިގަތީ ރަސް އަލް ޚައިމާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ ރާކީ ފިލިޕްސްގެ ޚާއްސަ ދައުވަތަކަށެވެ.

ތަފާތު ބޭބޭފުޅުންގެ ތަޤްރީރުތަކާއި، ވީޑިއޯ ޕްރެޒެންޓޭޝަން އަދި ޕެނަލް ޑިސްކަޝަން އާއި ބަހުސްތައް ހިމެނޭގޮތަށް ކުރިއަށް ގެންދިޔަ ފޯރަމް ހުށަހަޅާ ދެއްވީ ޓީވީ ޕްރެސެންޓަރ ރެބެކާ މެކްލަމިންއާއި ސީ.އެން.އެން ޖަރނަލިސްޓް ރިޗަޑް ކުއެސްޓްއެވެ.

މީގެ އިތުރުން، މި ފޯރަމްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި އެސްޓޭޓް ޓޫރިޒަމްގެ އިތުރުން ދަތުރުފަތުރުކުރުމުގައި "ގްލޯބަލް ސިޓިޒަންއަކަށް ވުމުން ލިބޭނޭ ފަސޭހަތަކާއި އޭގެ މުހިންމުކަން ހިމެނެ އެވެ.

މި ފޯރަމްގައި މިނިސްޓަރގެ އަރިހުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދުއާ ކޮމިއުނިކޭޝަން ޑިރެކްޓަރ ފާތިމަތު ނިއުޝާ އަދި ލީގަލް އޮފިސަރ އަލްއުސްތާޛު އުސާ އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް