ގައުމެއްގައި ނުވަތަ މުޖުތަމައެއްގައި މުންކަރާތްތައް ހިނގަމުންދާ ނަމަ، އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭނެ: ޚުތުބާ

ގައުމެއްގައި ނުވަތަ މުޖުތަމައެއްގައި މުންކަރާތްތައް ހިނގަމުންދާ ނަމަ، އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. "ބުއްދީގެ އަހުލުވެރިންނޭވެ ފަހެ، ތި...

17 Dec 2021 | 08:46

ގައުމެއްގައި ނުވަތަ މުޖުތަމައެއްގައި މުންކަރާތްތައް ހިނގަމުންދާ ނަމަ، އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

"ބުއްދީގެ އަހުލުވެރިންނޭވެ ފަހެ، ތިބައިމީހުން އިބުރަތް ލިބިގަންނާށެވެ!" މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ އެތަނެއްގައި މުންކަރާތްތައް މަނާނުކުރެވޭ ނަމަ، އެއީ ﷲގެ ކޯފާ އެބައެއްގެ މައްޗަށް އައުން ގާތްވެގެންވާ ކަމެއް ކަމަށެވެ.

އާޚިރަތަށްވުރެ ދުނިޔޭގެ އެދުންވެރިކަން އިސްކޮށް ދުންޔަވީ ކަންތަކުގައި އެއްބަޔަކު އަނެއްބަޔަކަށްވުރެ ކުރިއަރައި ދިއުމަށް މަސައްކަތްކޮށް، އެކަމުގައި ހައްދުފަހަނައަޅާ ދިއުމަކީ ގައުމުތައް ހަލާކުވުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ކީރިތި ރަސޫލާ ހަދީޡްފުޅުތަކުން އެނގޭ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

"ފާއިތުވެގެންދާ ކޮންމެ އަހަރަކީވެސް އެ އަހަރުތެރޭގައި ކުޅަ އަމަލުތަކާމެދު އިންސާނުންގެ މައްޗަށް ހެކިދޭ އަހަރެއް. އެއީ އެކަނިމާ އެކަނި ގަބުރުގައި އޮންނަން ޖެހޭނެ ދުވަސް ގާތްވަމުންދާ ކަމުގެ ނިޝާނެއް. ކުޑަދުވަސްކޮޅެއްގެ ފަހުން މިދުނިޔެއަށް އަލްވަދާއު ކިޔަންޖެހޭނެކަން އެއީ ބުއްދި ސަލާމަތުންހުރި އެއްވެސް މީހަކު އިންކާރުކުރާނެ ކަމެއް ނޫން." ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އެމީހެއްގެ އުމުރުގެ ދުވަސްތައް ހެޔޮ ގޮތުގައި ހޭދަކޮށްފި މީހަކީ، މާތްﷲގެ އިރާދަފުޅުން އަބަދުގެ އަބަދަށް ސުވަރުގޭގެ ނިއުމަތުގައި ދެމިހުންނާނެ މީހެއް ކަމަށެވެ. އެހެންނަމަވެސް ﷲ ހަރާމް ކުރައްވާފައިވާ ކަންތައްތައް ކުރުމުގައި އެމީހެއްގެ އުމުރު ހޭދަކޮށްފި މީހަކީ ﷲގެ ކޯފާއާއި އަޛާބަށް ހުށަހެޅިގެންދާނެ މީހެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް