ލޭ ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ލ.އަތޮޅުގެ ޒުވާނުން އިސްނަގައިގެން "ތިކި" ނަމުގައި އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ. މި އެޕްލިކޭޝަން ތަޢާރަފް ކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްލާއިލްއެވެ.
"ތިކި" އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގަ އެޕްލިކޭޝަން ބޭނުންކުރާނީ، ލ، ތ، ގއ، ގދ، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީގައެވެ.
މި އެޕްލިކޭޝަނުގައި ޑޯނާއެއްގެ ގޮތުގައި ނަން ހިމެނުމަށް އެޕްލިކޭޝަންގައި ރަޖިސްޓަރ ވާން ޖެހޭނެވެ. އެގޮތުން މި އެޕްގައި ރަޖިސްޓަރ ވެވޭ ފޯމެއް އެޕްގައި ހިމަނާފައިވެއެވެ. އަދި އެޕްގެ ހޯމް ޕޭޖުން ރަޖިސްޓަރ ވެފައިވާ ހުރިހާ ޑޯނަރުންގެ މަޢުލޫމާތުތައް ފެންނަން ހުންނާނެއެވެ.
މީގެއިތުރުން، ހޯމް ޕޭޖުން ރަށް، އަދި ލޭގެ ގްރޫޕު ބޭނުންކޮށްގެން ޑޯނަރުން ފިލްޓަރވެސް ކުރެވޭނެއެވެ. އަދި ކޮންމެ ޑޯނަރއެއްވެސް ލޭ ހަދިޔާކުރުމާއެކު 90 ދުވަހަށް އެ ޑޯނަރަކު އެޕުން ގެއްލޭނެއެވެ.
މި އެޕްލިކޭޝަންގައި ލޭ ހޯދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ "އެކްސްޕްލޯރ" ކިޔާ ސެކްޝަނެއްވެސް ހިމަނާފައިވެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ލޭ ބޭނުންވެގެން އެޕްލިކޭޝަނުގައި ޕޯސްޓެއް ކޮށްފިނަމަ އެކްޕްލޯރ އިން އެ ފަރާތެއްެގެ މައުލޫމާތު ލިބެން ހުންނާނެއެވެ. އަދި ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެކްޕްލޯރ ސެކްޝަން މެދުވެރިކޮަށް އެ ފަރާތާއި ކޮންޓެކްޓް ކުރެވޭނެއެވެ. މީގެ އިތުރުން މި އެޕްލިކޭޝަން ބޭނުންކުރާ ހުރިހާ ހޮސްޕިޓަލަކަށްވެސް "ހަސްފަތާލު ޕޯޓަލް" ގެ ލޮގިންއެއް ދެވޭނެއެވެ. ޑޯނަރުން ލޭ ހަދިޔާކުރުމުން އެކަން އެޕްލިކޭޝަނަށް އަޕްޑޭޓްކުރާނީ މި ޕޯޓަލްއިންނެވެ.
މި އެޕްލިކޭޝަން އިފްތިތާހު ކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ވިދާޅުވީ ލޭހޯދާ ފަރާތްތަކަށާއި، ލޭ ބޭނުންވާ ފަރާތްތަކަށް މިފަދަ ފަސޭހަ މަގެއް ޒުވާނުން އިސްވެ ތަޢާރަފްކުރި ކަމީ ލިބޭ ނުހަނު ބޮޑު އުފަލެއްކަމުގައެވެ. އަދި މިއީ ލޭ ހޯދަން ބޭނުންވާ ފަރާތްތަކަށް ލޭ ހޯދުމަށް ލިބިގެންދާނެ ފަސޭހައެއް ކަމުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، އެފްލިކޭޝަން ތަޢާރަފްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އަހުމަދު އަނަސް ހަބީބު ވިދާޅުވީ މިއީ ކުޑަކުޑަ ޚިޔާލަކާއެކު ފެށުނު ބޮޑު އުންމީދެއް ކަމުގައެވެ. އަދި އުންމީދު ހަޤީޤަތަށްވުމުގައި އެތައް ބައެއްގެ ބައިވެރިވުން ބޮޑުކަމަށް ފާހަގަ ކޮށް ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށާއި، އަމާޒަކީ މުޅިރާއްޖެއަށް "ތިކި" އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަ ކަމާއިއެކު ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް އަނަސް ވިދާޅުވިއެވެ.
"ތިކި" އެޕްލިކޭޝަނަކީ ލޭ ހަދިޔާކުރާ މީހުންނާއި ލޭ ބޭނުންވާ މީހުން އެއް ޕްލެޓްފޯމަކަށް ގެނައުމުގެ ގޮތުން ތަޢާރަފްކުރި އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނުގެ ސަބަބުން ލޭ ހޯދުމަށް ކުރަންޖެހޭ މަސައްކަތް މިހާރަށްވުރެ ކުޑަވެގެން ދާނެކަމަށް މި އެޕްލިކޭޝަން ތަޢާރަފްކުރި ފަރާތުން ވަނީ ބުނެފައެވެ. އަދި ލޭ ނުލިބުމުގެ ސަބަބުން ނުވަތަ ލޭ ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާ އެކިކަހަލަ ހިތާމަވެރި ކަންކަމާއި ކުރިމަތިލާންޖެހުން މަދުކުރުމަކީވެސް މި އެޕްލިކޭޝަނުގެ އެއް މަޤުސަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް