ދިވެހި ނަރުހަށް، މޭރީ މަރަން ރޭވުމާއި މަރު ފޮރުވުމުގެ ތުހުމަތު ކޮށްފި

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސްގެ ނަރުސް މޭރީ ގްރޭސީގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި ދިވެހި ނަރުހަށް ފުލުހުން ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ. ދަންޖެހިގެން މަރުވީ ކަމަށް ބުނެ އޭނާގ...

17 Dec 2021 | 05:50

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސްގެ ނަރުސް މޭރީ ގްރޭސީގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި ދިވެހި ނަރުހަށް ފުލުހުން ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

ދަންޖެހިގެން މަރުވީ ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން، މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އޮކްޓޯބަރު މަހު ފަހުކޮޅު އެވެ. މި މައްސަލައިގަ ފުރަތަމަ އޭނާގެ ފިރިމީހާ އެ މަހުގެ 27 ވަނަ ދުވަހު ހައްޔަރު ކުރުމަށް ފަހު ފަހުން އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ދިވެހި ނަރުސްގެ ފޯނު ފުލުހުން ހިފެހެއްޓި އެވެ.

އޭގެ ފަހުން މި މައްސަލައިގަ އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ދިވެހި ނަރުހެއް ކަމަށްވާ އުމުރުން 24 އަހަރުގެ ހަލީމަތު ލަމްހާ އަބްދުއްރަހްމާނެވެ. މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަ މޭރީގެ މަރާއި އެކު މީޑިއާގައި ތިލަކުރީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ކަމުގެ ހަގީގަތް އެނގޭ މީހުންނެވެ.

ފުލުހުން ލަމްހާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މޭރީ މަރަން ރޭވުމާއި މަރު ފޮރުވުމުގެ ތުހުމަތު ހިމެނެ އެވެ. އަދި ކުށެއް ކުރަން އުޅުން، ކުށެއް ކުރުމަށް އެދުން، ކުށް ކުރުމަށް ރޭވުން، ކުށްކުރުމުގެ އާލާތް އަތުގައި ހުރުން، މަރެއް ފޮރުވުން އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ހިމެނެ އެވެ.

މޭރީގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނު ގޮތުގައި އޭނާ މަރުވެފައިވަނީ ބޮލަށް ލިބުނު ޒަހަމްތަކަކާއި ގުޅިގެން ނެވެ.

މޭރީގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ދަންޖެހިގެން މަރުވި ކަމުގެ އެއްވެސް ނިޝާނެއް މޭރީގެ ހަށިގަނޑުން ފެންނަން ނެތުމުގެ އިތުރުން ދަންޖެހުނު ކަމަށް ބުނާ ތަން ފުލުހުން ދިއުމުގެ ކުރިން މާވިން ސާފު ކުރި ކަމަށް ބުނުމުންނެވެ. އަދި އެ ތަނަނީ މީހަކަށް ދަންޖެހެވޭ ގޮތަށް ހުރި ތަނަކަށް ނުވުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް