ހުކުރު ދުވަހު ކީރިތި ރަސޫލާ ގެ މައްޗަށް ޞަލާވާތްކިޔެވުން ގިނަކުރުން

ހުކުރުދުވަހާއި ހުކުރުވިލޭރޭ ރަސޫލުﷲގެފާނު މައްޗަށް ޞަލަވާތްކިޔެވުން އިތުރުކުރުމަށް، އެކަލޭގެފާނު އިރްޝާދުދެއްވާފައި ވެއެވެ. ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ “ހުކުރު...

17 Dec 2021 | 05:02

ހުކުރުދުވަހާއި ހުކުރުވިލޭރޭ ރަސޫލުﷲގެފާނު މައްޗަށް ޞަލަވާތްކިޔެވުން އިތުރުކުރުމަށް، އެކަލޭގެފާނު އިރްޝާދުދެއްވާފައި ވެއެވެ. ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ “ހުކުރުދުވަހު ތިމަން ކަލޭގެފާނުގެ މައްޗަށް ތިޔަބައިމީހުން ޞަލަވާތް ކިޔެވުން އިތުރުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެއީ މަލާއިކަތްބޭކަލުން ހެކިވެވަޑައިގަންނަވާނެ ދުވަހެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާ އަވަދިވާއިރަށް އެ ޞަލަވާތެއް، ތިމަންކަލޭގެފާނުގެ މައްޗަށް ހުށަހަޅުއްވާދެއްވާނެތެވެ. ދެންނެވުނެވެ. ސުވަރުގެ ވަޑައިގަތުމަށް ފަހުގައި ވެސް ތޯއެވެ. ޙަދީޘްކުރެއްވިއެވެ. ސުވަރުގެވަޑައިގެންނެވުމަށް ފަހުގައި ވެސްމެއެވެ. ފަހެ، ހަމަކަށަވަރުން ނަބީބޭކަލުންގެ ހަށިކޮޅުތައް ކެއުމަކީ މާތްﷲ ބިމަށް ޙަރާންކުރައްވާފައިވާ ކަމެކެވެ. ފަހެ، ﷲގެ ނަބީންނަކީ ދިރިދެމިގެންވާ ރިޒްޤުދެއްވަވާ ބަޔެކެވެ.”

އެހެން ޙަދީޘެއްގައިވެއެވެ. “ތިޔަބައިމީހުން ހުކުރުވިލޭރެ އާއި ހުކުރުދުވަހު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ފަހެ. އެކަންކުރިމީހާ އަށް ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނުގެ ހެކިބަސްފުޅާއި ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭނެތެވެ.” ރަސޫލުﷲގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މާތްﷲ ކީރިތިޤުރްއާނުގައި އެކަމަށް އަމުރުކުރައްވާފައިވާތީއެވެ. މުސްލިމުންގެ ޢީދުދުވަސްކަމުގައިވާ ހުކުރުދުވަހު އެކަލޭގެފާނުގެ މަތިން ހަނދުމަކުރުމަކީ މި މުނާސަބަތާ އެންމެ ގުޅޭ އެއް ކަންތައްކަން ކަށަވަރެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި އެކަލޭގެފާނަށް އޮތް ލޯބީގެ މިންވަރު ހާމަކޮށްދޭނެ ކަމެއް ވެސްމެއެވެ. ހަރުބަހެއް ބުނާގޮތުގައި “ލޯބިވާ މީހެއްގެ ވާހަކަ ގިނަގނައިން ދެއްކޭނެއެވެ.” ކީރިތިރަސޫލާގެ އަރިހުގައި ހުކުރުދުވަހަށާއި ހުކުރުވިލޭރެއަށް ލިބިފައިވާ މަޤާމުގެ މަތިވެރިކަމުން އެކަލޭގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ހުކުރުދުވަހަށް “އަލްޔައުމުލް އަޒްހަރު” އަދި ހުކުރުވިލޭރެއަށް “އައްލައިލަތުއް ޒަހްރާ” ގެ ނަން ދެއްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް