ހުކުރުނަމާދަށް އަވަހަށް މިސްކިތަށްދިޔުމަކީ ކީރިތިރަސޫލާ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – އެކަމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ﷲގެ ޙަޟްރަތާ ބޮޑަށް ކުއްތަންވެވޭނެތީއެވެ. މިކަމުގެ ސަބަބުން ޛިކްރުކުރުމާއި ﷲގެ މަތިން ހަނދުމަކުރުން އިތުރުވާނެތީ ވެސްމެއެވެ. އަޙްމަދު ރިވާކުރައްވާ ގޮތުގައި “ހުކުރު ދުވަހު ޝައިޠާނުން ބިންމަތީ ފެތުރިގަންނާނެތެވެ. މުސްލިމުން ބާޒާރުން ބޭރަށް ނުކުތުން ލަސްކުރުވުމަށް މަސައްކަތްކުރާނެތެވެ. އަދި މަލައިކަތް ބޭކަލުން މިސްކިތްތަކުގެ ދޮރުމަތީގައި ތިއްބަވައި ހުކުރަށް އަންނަ މީހުންގެ ނަންތައް ލިއުއްވާނެތެވެ. އިމާމަ މިސްކިތަށް ވަދެ މިން ބަރަށް އަރައްޖައުމަށް ދާންދެން އެބޭކަލުން މިސްކިތަށް އަންނަ މީހުންގެ ނަންތައް ތަރުތީބުން ލިއުއްވާނެތެވެ.” އަނެއް ޙަދީޘްފުޅެއް ބުނާ ގޮތުގައި އިމާމު މިންބަރަށް އެރުމުން އެދުވަހު ހުކުރު ނަމާދަށް އައި މީހުންގެ ނަންތައް ލިއުއްވާ، ފަތްތައް ލައްޕަވާލައްވާނެތެވެ. ހުކުރުނަމާދަށް އަވަހަށް އަންނަ މީހުންނަށް ހުރި ސަވާބު ބަޔާންކޮށްދެއްވަމުން ރަސޫލުﷲގެފާނު ޙަދީޘްކުރައްވަވާފައިވާ ހަދީސެއްގެ މާނާގައި ވަނީ މިފަދައިންނެވެ. “ހުކުރުނަމާދަށް ހިނައިގަނެގެން، ފުރަތަމަ ގަޑީގައި މިސްކިތަށް ދިޔަމީހާ ޖަމަލެއް ޤުރްބާންކުރި ފަދައެވެ. ދެވަނަ ގަޑީގައި ދިޔަމީހާ ގެރިއެއް ޤުރްބާންކުރި ފަދައެވެ. ތިންވަނަގަޑީގައި ދިޔަމީހާ ދަޅުފެޅި ބަކަރިއެއް ޤުރްބާންކުރިފަދައެވެ. ހަތަރު ވަނަ ގަޑީގައި ދިޔަމީހާ ކުކުޅެއް ޤުރްބާންކުރިފަދައެވެ. ފަސްވަނަގަޑީގައި ދިޔަމީހާ ކުކުޅުބިހެއް ޤުރްބާންކުރި ފަދައެވެ. ފަހެ އިމާމާ ނުކުމެ މިންބަރަށް އެރުމުން މަލާއިކަތްބޭކަލުން ފަތްތައް ލައްޕަވާލައްވައި ޚުޠުބާ އަޑު އެއްސެވުމަށް އިށީނދެވަޑައިގަންނަވާނެތެވެ.”
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް