އަރަބިއްޔާ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަރަބިއްޔާ ސްކޫލްގެ އިމާރާތުގައި ރެނދުލައި ވަރަށް ބޮޑަށް ގެއްލުންވެފައިވާތީ ހެދި އެސެސްމެންޓުން އެ ތަނުގައި ދަރިވަރުންނަށް ކިޔަވައި ދިނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ އެ ސްކޫލްގެ ދަރިވަރުންގެ ތައުލީމު ނުހުއްޓި ކުރިޔަށް ގެންދިއުމަށް އިންތިޒާމްތަކެއް ހަމަޖައްސަމުންދާ ކަމަށެވެ.
މިނިސްޓްރީން ބުނޫ ވަގުތީ ގޮތުން އިއްޒުއްދީނަށް ދަރިވަރުން ބަދަލު ކުރުމުން އުނދަގޫތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެކަމަކު އިމާރާތް މަރާމާތުކޮށް އަލުން ބޭނުން ކުރެވޭ ގޮތް ހެދުމަށް ދުވަސްކޮޅެއް ނަގާނެތީ ވަގުތީ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
ކޮންމެ ސްކޫލެއްގެ ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަމަކީ މުހިންމު ކަމެއް ކަމަށާއި ކިޔެވުން މެދު ނުކެނޑޭނެ ގޮތަކަށް ކުރިޔަށް ގެންދިއުމަށް ދަރިވަރުން ބަދަލު ކުރަން ޖެހޭނީ ތައުލީމު ފޯރުކޮށްދިނުމަށް އެކަށީގެންވާ ތަނަކަށް ކަމަށެވެ.
އެޑިއުކޭޝަނުން ބުނީ އަރަބިއްޔާ މަރާމާތުކޮށް ނިމުމުން އެތަނުގައި އަލުން ކިޔަވައިދޭން ފަށާނެ ކަމަށެވެ. އަދި މިހާރު އެ ސްކޫލް ހިންގަމުންދާ އިމާރާތަކީ އަބަދުވެސް އަރަބިއްޔާ ސްކޫލް ހިންގާނެ އިމާރާތް ކަމަށް ބުނެފައިވެ އެވެ.
ގްރޭޑް 1-12 އަށް ކިޔަވައިދޭ އަރަބިއްޔާ ސްކޫލްގައި700 އަށްވުރެ ގިނަ ކުދިން ތައުލީމް ހާސިލް ކުރެ އެވެ. މިއީ މާލެ ސަރަހައްދުގައި ހިންގާ ހަމައެކަނި އަރަބި މީޑިއަމްއަށް ކިޔަވައިދޭ ސްކޫލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް