އުރީދޫ މޯލްޑިވްސްއިން ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވައިފި

އުރީދޫ މޯލްޑިވްސް ޕލކ އިން ވަނީ ޚާއްސަ ގޮތުންކުރާ އާންމު ޖަލްސާއެއް 16 ޑިސެންބަރު 2019 ވީ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ހޮޓެލް ޖެން، އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖޭގައި ބާއްވާފައެވެ. މި  ޖަ...

17 Dec 2019 | 16:32

އުރީދޫ މޯލްޑިވްސް ޕލކ އިން ވަނީ ޚާއްސަ ގޮތުންކުރާ އާންމު ޖަލްސާއެއް 16 ޑިސެންބަރު 2019 ވީ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ހޮޓެލް ޖެން، އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖޭގައި ބާއްވާފައެވެ.

މި  ޖަލްސާގައި ޖުމްލަ 91 ހިއްސާދާރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރެއިން 32 ހިއްސާދާރުންނަކީ ޕްރޮކްސީ ހުށަހަޅައިގެން ބައިވެރިވެފައިވާ ފަރާތްތަކެވެ. އަދި 59 ހިއްސާދާރުންވަނީ ހޮޓެލް ޖެން އަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވެފައެވެ. ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްފައި ވަނީ، 136،542،861 (ސަތޭކަ ތިރީސް ހަ މިލިއަން، ފަސް ލައްކަ ސާޅީސް ދެ ހާސް އަށް ސަތޭކަ ފަސްދޮޅަސް އެއް) ހިއްސާއެވެ. މި ހިއްސާ ރަމްޒުކޮށްދެނީ ކުންފުނިން ވިއްކާފައިވާ ޖުމްލަ ހިއްސާގެ %92.4 އެވެ.

އުރީދޫ މޯލްޑިވްސް އިން ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާ ބާއްވާފައިވަނީ ކުންފުނީގެ އަސާސީ ގަވާއިދު އަދި ހިންގާ ގަވާއިދު އިސްލާހުކުރުމަށް ހިއްސާދާރުންނަށް ހުށަހެޅުމުގެ ގޮތުންނެވެ. މިގޮތުން ހުށަހަޅާފައިވާ މައިގަނޑު ކަމަކީ، އާންމު ހިއްސާދާރުންގެ ފަރާތުން އައްޔަންކުރާ ބޯޑު ޑިރެކްޓަރުގެ ދައުރު ކަނޑައެޅުމެވެ. މީގެ އިތުރުން، ކުންފުނީގެ މަޤްޞަދުތަކާއި މަސައްކަތްތައް އެއްގޮތްކުރުމުގެ ގޮތުންނާއި، ހިއްސާދާރުންނަށް ފަސޭހައިން މާނަ ދޭހަވާނެގޮތަށް ބައެއް މާއްދާތައް އިސްލާހުކުރުމަށް ވަނީ ހުށަހެޅިފައެވެ. ހިންގާ ގަވާއިދުގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން ޗެއާމަން އަށް ލިބިދޭ އިހްތިޔާރުގެ ދަށުން، އިސްލާޙުތަކަށް ވޯޓު ނަގާފައިވަނީ ޕޮލް ވޯޓެއްގެ ގޮތުގައެވެ. އެއީ އެހިއްސާދާރެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ހިއްސާއަކަށް އެއްވޯޓު ލިބޭގޮތަށް ނަގާފައިވާ ވޯޓެކެވެ.

ރޭގެ ޖަލްސާގައި ފާސްކޮށްފައިވާ ޚާއްސަ ގަރާރުތައް ތިރީގައި އެވަނީއެވެ.

އިސްލާހުކޮށްފައިވާ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރުމަށްފަހު، ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށް ޝާއިޢުކުރެވޭނެ ވާހަކަ އެންމެހައި ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި، އިސްލާހުކުރެވިފައިވާ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާނީ، ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާ ދުވަހުން ފެށިގެންކަމުގައިވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އުރީދޫ މޯލްޑިވްސް އިން ރޭގައި ބާއްވާފައިވާ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ހިއްސާދާރުން ބައިވެރިވެ، ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. އަދި އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރާނީ ހިއްސާދާރުންގެ ލާބަޔާއި މަންފާއަށް ކަމަށާއި، ހިއްސާދާރުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް