ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން އައްޔަން ކުރުމާއިމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފިއެވެ.
ރައީސް ސޯލިހް މިކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް، ހދ. ވައިކަރަދޫ. ވައިޖެހޭގެ އަލްއުސްތާޛް އަޙްމަދު ފާއިޒް ހުސެއިން ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާއަށް މިއަދު ފޮނުވައިފިން ކަމަށެވެ.
ރާއްޖޭގައި ސުޕްރީމް ކޯޓު އުފައްދައި އެ ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ފާއިޒްގެ ނަންފުޅާއިމެދު ލަފައަކަށް ރައީސް ސޯލިހް ޖޭއެސްސީ ކުރެން އައްސަވާފައިވާއިރު 2014ގައި އުއްތަމަ ފަނޑިޔާރު ފާއިޒް އާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ފަނޑިޔާރުކަމުގެ މަގާމު ގެއްލިގެން ދިޔައީ ކޯޓުތަކުގެ ގާނޫނަށް ގެނައި ބަދަލަކަށްފަހު މަގާމުން ވަކި ކުރުމުންނެވެ.
ސުޕްރީމް ކޯޓަށް ފާއިޒް އައްޔަން ކުރަން ރައީސް ލަފައަކަށް އެދިފައިވާއިރު އޭރު ފާއިޒާއެކު ފަނޑިޔާރު ކަމުން ވަކި ކުރި މުއުތަސިމް އަދުނާން ދާދި ފަހުން ވަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައެވެ.
މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ އާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޝުޖޫން އަދި ފަނޑިޔާރު މަހާޒްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް