އޯ.އައި.ސީ. ހެލްތް މިނިސްޓަރުންގެ އަށް ވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ހެލްތް މިނިސްޓަރުންގެ އަށް ވަނަ ބައްދަލުވުން 2021 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމ...

17 Dec 2019 | 12:47

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ހެލްތް މިނިސްޓަރުންގެ އަށް ވަނަ ބައްދަލުވުން 2021 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) ގެ ވެރިރަށް އަބޫދާބީގައި މިމަހުގެ 15 އިން 17 އަށް ކުރިއަށްދިޔަ  އޯ.އައި.ސީ.ގެ ހަތް ވަނަ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައެވެ.

މި  ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވައިފައިވެއެވެ. އަދި އެންޓިވެކްސިން ކެމްޕެއިންއާއި ގުޅިގެން މެމްބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މެމްބަރު ޤައުމުތަކުގެ ސަމާލުކަމަށް މިކަން ގެނެސް މިކަމަށް ހައްލުހޯދުމަށް ހުރިހާ ޤައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށް އެދި ރާއްޖެއިން ތައްޔާރުކޮށްފައިވާ ރިސޮލިއުޝަން ހުށަހަޅުއްވާދެއްވާފައިވެއެވެ. މި ބައްދަލުވުމުގައި އޯ.އައި.ސީ މެމްބަރ ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމުގެ މަޤްސަދަކީ "ކުއަލިޓީ އޮފް ލައިފް" މި ޝިޢާރުގެ ދަށުން އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ވަޒަންކޮށް، އޯ.އައި.ސީ. ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން (OIC-SHPA 2014-2023) ތަންފީޒް ކުރާ މިންވަރު ބެލުމެވެ. އަދި މި ކޮންފަރެންސް މެދުވެރިކޮށް އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އެޅުމެވެ.

އޯ.އައި.ސީގެ ހަ ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) މީގެ ކުރިން ބޭއްވިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ސަޢޫދީ އަރަބިޔާގެ ޖިއްދާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް