ހަރުކަށި ފިކުރު ގެންގުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން، ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް އަމަޒުކޮށް ކްރޮސްރޯޑްސް މޯލްޑިވްސްގައި އިއްޔެ ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މި ޑިސްކަޝަންގައި ޝަމާލް އިތުރަށް ވާހަކަފުޅު ދައްކަވަމުން، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި ސަރުކާރުގެ ސެޓޭންޑް ވަރަށް ސާފުކަމަށް ވިދާޅުވެފައިވެއެވެ. އަދި ކަމެއް ދިމާވެއްޖެ ނަމަ ޤައުމީ ދިފާޢީ ބާރުން ހަރަކާތްތެރިވާންވީ ގޮތާއި އެކަމަށް ބޭނުންވާ ތަމްރީންތައް ހަދަމުންދާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އަދި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުގެ ފަރާތުން އަޅަމުންދާ ފިޔަވަޅުތަކާއެކު ޤައުމީ ސަލާމަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި މި ފިޔަވަޅުތަކާއެކު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން، ބޭއްވި އެ ޑިސްކަޝަން ގައި ރިޔާސަތު ބަލަހައްޓަވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުރުން އެ ޑިސްކަޝަންގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް