ޑިމޮކްރަސީގައި އޮޮންނަ އެންމެ ރީތި އެއް އުސޫލަކީ ވޯޓުލުންކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެއެވެ.
އދ. މާމިގިލީގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ކުރީގެ އެމްޕީ އަލީ އާރިފް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދިވެހި ރައްޔިތުންވެސް ވޯޓުލުމުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
އާރިފް ވިދާޅުވީ ވޯޓަށްފަހު، އިންތިހާބުވާ މީހާއަކީ ރަނގަޅު މީހަކަށް ނުވެއްޖެނަމަ ނުވަތަ ވޯޓުގެ ސަބަބުން އަންނަ ބަދަލަކީ ހެޔޮ ބަދަލަކަށް ނުވެއްޖެނަމަ، ވޯޓުލުމުގައި ބައިވެރިނުވާ މީހަކަށް ފާާޑު ކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން މިއީ ތިން ބާރު ވަކިވެފައި އޮތް ދައުލަތެއް ކަމަށާއި އެހެންނަމަވެސް ހުރިހާ ބާރުތަކެއް އެއް ދިމާލަކަށް ހިނގައްޖެކަމުގައިވާނަމަ، އެއީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވ. އަދި އެކަން އެހެން ވެއްޖެނަމަ އެހިސާބުން ދިވެހި ރައްޔިތުން ވާނީ ހަމައެކަނި އަދަދަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަދަދުން ކިތަންމެ ބޮޑުކަމުގައިވިޔަސް، ރައްޔިތުން އުފުލާ އަޑުގައި އެއްވެސް ބާރެއް ނުހުންނާނެ. މިއީ ތާރީހުން ހެކިދޭ ކަމެއް" އާރިފް ވިދާޅުވިއެވެ.
އެހެންކަމުން އާރިފް ވަނީ ދިވެހި ރައްޔިތުންނަކީ ހަމައެކަނި އަދަދަކަށްވުމުގެ ބަދަލުގައި އަޑު އުފުލާ އެއަޑުގައި ބާރު ހުރި ބަޔަކަށް ވާން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް