ޕޮލިސް ކޮމިޝަނަރ ދެއްވީ ވަރަށް ބިރުވެރި މައުލޫމާތުތަކެއް، މުޅި ގައުމު ސަމާލުވާންޖެހޭ: ރައީސް މައުމޫން

ރާއްޖޭގައި އައި އެސް ގެ ފަރާތުން ހިންގާ ނިރުބަވެރި ހަރަކާތް ތަކާ ބެހޭގޮތުން ޕޮލިސް ކޮމިޝަނަރ އިއްޔެ ދެއްވީ ވަރަށް ބިރުވެރި  މަޢުލޫމާތު ތަކެއް ކަމަށާއި މުޅި ގައުމު ސަމާލު ވާން ޖެހޭކަމުގައި ކުރީގެ ރައީސ...

17 Dec 2019 | 05:48

ރާއްޖޭގައި އައި އެސް ގެ ފަރާތުން ހިންގާ ނިރުބަވެރި ހަރަކާތް ތަކާ ބެހޭގޮތުން ޕޮލިސް ކޮމިޝަނަރ އިއްޔެ ދެއްވީ ވަރަށް ބިރުވެރި  މަޢުލޫމާތު ތަކެއް ކަމަށާއި މުޅި ގައުމު ސަމާލު ވާން ޖެހޭކަމުގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ދައުވަތުދީގެން ކްރޮސް ރޯޑްސްގައި ސަރުކާރުން ކުރިއަށް ގެންދިޔަ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ދެއްކެވި ވާހަކަފުޅަށް ބިނާކޮށް މިހާރު ނޫހުގައި " މީހުން މަރަން ފަސްނުޖެހޭ ހަރުކަށި ފިކުރުގެ 1،400 ދިވެހިން!" މި ސުރުހީގެ ދަށުން ލިޔެފައިވާ އާޓިކަލެއްގެ ސްކްރީންޝޮޓަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.

އިއްޔެ ކޮމިޝަނަރ އޮފް ޕޮލިސް، ހައްދުފަހަނާޅައިދިއުމުގެ އަމަލުތަކާ ދެކޮޅަށް ހަރަކާތްތެރިވާން ކައުންސިލްތަކުގެ އެއްބާރުލުމަށް އެދިވަޑައިގެން އެކަމުގެ ތަފާސްހިސާބުން ހާލަތު އަންދާޒާކޮށްދެއްވިއެވެ.

އެގޮތުން - ސީރިއާގެ ހަނގުރާމަ ކުރަން ޝައުގުވެރިވެ އެ މަގަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 423 މީހުން މަސައްކަތް ކުރި ކަމަށާއި އޭގެތެރެއިން ސީރިއާ އަށް އެތެރެވެވުނު ކަމަށް އެނގެން އޮތީ 173 ދިވެހިން ކަމާއި ސީރިއާގައި މިހާރު ތިބީ 59 ދިވެހިން. އޭގެތެރޭގައި ގިނައީ ކުޑަކުދިން. ރާއްޖެ ގެނެވޭ ހާލަތުގައި ތިބީ ހަތަރު ފިރިހެނުން ކަމާއި ހަރުކަށި ފިކުރުގެ ތެރެއަށް ގެނބި، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސްނުޖެހޭ ވަރުގެ ގާތްގަނޑކަށް 1400 މީހުން އެބަތިބިކަން ފާހަގަކުރެއްވިއެވެ.

އަދި ހަރުކަށި ފިކުރުގެ އެންމެ އިސް ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމުގެ މަސައްކަތް ކުރިއަށްދާކަމުގައިވެސް ސީޕީ ވިދާޅުވިއެވެ.

އިއްޔެގެ އެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ މިކަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ހަނގުރާމަޔާ ޖިހާދުގެ ނަމުގައި ސީރިޔާއަށާ އިރާގަށާ އަފްގާނިސްތާނަށް މީހުން ދާކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އެއީ ރާއްޖޭގައި އޮތް ކަމެއް  ކަމަށެވެ. އަދި ސަރުކާރުން ތިބީ އެކަން އެހެން ހިނގާކަން ގަބޫލުކޮށްގެން ކަމަށެވެ.

ހަރުކަށި ވިސްނުމުގެ ފިކުރުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް