މަންތާ އެއަރ އިން އާ ސީޕްލޭން ޓާމިނަލް ހުޅުވައި ސީޕްލޭންގެ ޚިދުމަތް ފަށައިފި އެވެ.
މަންތާ އެއަރގެ ސީޕްލޭން ޓާމިނަލް ހުޅުވައި، ސީޕްލޭންގެ ދަތުރުތައް ފައްޓަވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް(އެމްއޭސީއެލް)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ. މިއަދު ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި މަންތާ އެއަރގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މަންތާ އިން މިއަދު ސީޕްލޭންގެ ޚިދުމަތްތައް ފަށައިފައިވާއިރު، މިއީ ރާއްޖޭގެ ސީޕްލޭންގެ ޚިދުމަތްދޭ ތިންވަނަ އެއަރލައިންއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަންތާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ މަންތާ އެއަރ ފަށައިގަތުމަށްފަހު ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ފްލައިޓް ޑިލޭ ނުވެ ދަތުރުތައް ކުރިއަށްގެންދިއުން ކަމަށާއި އެއީ ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައެެވެ. އެންމެ ރަންވޭއެއް ބޭނުންކުރާއިރު، ނިމިދިޔަ ހަފްތާ އެކަނިވެސް މަންތާ އަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަމަށް ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ، މިކަން އެންމެ ބޮޑަށް ހާސިލްވީ އެމްއޭސީއެލް އަދި މަންތާ އެއަރގެ ސްޓާފުންގެ ވަރަށް ބޮޑު އެއްބާރުލުމާއި އެކީ ކަމުގައެވެ.
މަންތާ އިން މިހާތަނަށް ހަތަރު ސީޕްލޭނެއް ރާއްޖެ ގެނެސްފައިވާއިރު، ޖުމްލަ 10 ސީޕްލޭން އެއެއަރލައިންގެ ސީޕްލޭން ފްލީޓްގައި ހިމެނޭނެ ކަމަށެވެ.
ރާއްޖޭގެ އުދުހުންތަކަށް ޚާއްސަ މަންތާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. މަންތާ އެއަރ އަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަ ތިން ވަނަ އެއަރލައިންއަށްވީއިރު، މިއެއަރލައިން އިން މި ވަގުތު އުދުހެނީ ބ.ދަރަވަންދު އަށާއި ދ.ކުޑަހުވަދޫ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް