ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙު ރައީސުލްޖުމްހޫރިއްޔާ ގެ މަޤާމާ ޙަވާލުވެވަޑައިގެން، ކޯލިޝަން ސަރުކާރެއް އުފެއްދެވިތާ އެއް އަހަރު ފުރޭ މި އުފާވެރި މުނާސަބަތުގައި، އެމްއާރުއެމް އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތަހުނިޔާ ދަންވައިފިއެވެ.
އެގޮތުން އެ ޕާޓީން ބުނެފައިވަނީ ޕާޓި ގެ އިންތިޤާލި ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އާއި މިޕާޓީގެ އިންތިޤާލީ ކައުންސިލާއި އަދި މިޕާޓީގެ ލޮބުވެތި މެންބަރުންގެ ނަމުގައި އެމަނިކުފާނަށް ނުހަނު އިޚްލާޞްތެރި ކަމާއެކު ތަހްނިޔާއާއި މުބާރިކްބާދީ ދަންނަވާކަމަށެވެ.
"ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ސަރުކާރަކީ އެމް.އާރް.އެމް އަށްވެސް ނިސްބަތްވާ ސަރުކާރަކަށްވުން އެއީ މިޕާޓީއަށް ލިބޭ އުފަލަކާއި ޝަރަފެކެވެ. އަދި މަނިކުފާނުގެ ސަރުކާރަށް އެއްއަހަރު ފުރިގެންދާއިރު، މިއަދު މިވަނީ ވަރަށް ގިނަ ކާމިޔާބީތަކެއް ޙާޞިލްކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ޞުލްޙަމަސްލަސްކަމާއި އަމަން އަމާންކަން ޤާއިމުކޮށް، ތިންބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން މަސައްކަތްކުރުމާއި، ޖޮއިންޓް މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރެއްވުމަށްޓަކައި މަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުގެ ނަތީޖާ އެވެ. އަދި ކޯލިޝަންގެ އަސާސްތަކާއި ސިޔާސަތުތައް، ދަމަހައްޓަވާ ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވަމުން ގެންދަވާ މިންނަތް މަސައްކަތްޕުޅެވެ."އެމްއާރުއެމްގެ ތަހުނިޔާ މެސެޖުގައި ބުނެފައިވެއެވެ.
އެ މެސެޖުގައި ބުނެފައިވަނީ މިއަދު ޤައުމުގެ ހުރިހާ ދިމާއަކުންވެސް ފެންނަމުންދަނީ، ކުރިން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޤައުމު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެ، ތަރައްޤީއަށް މިސްރާބު ޖަހާފައިވާ މަންޒަރު ކަމަށާއި ތަރައްޤީގެ އެކިއެކި މަޝްރޫއުތަކުގައި ރާއްޖޭގެ ރަށްތައް އިސްތިސްނާ ކުރުމެއް ނެތި ހިމަނުއްވާފައިވާކަން، ރާއްޖޭގެ ރައްޔިތުން ބަލައިގަންނަނީ އުފަލާ އެކުގައި ކަމަށެވެ.
"ރާއްޖެއާއި ބޭރު ދުނިޔެއާ ދެމެދު އުފެދިފައިވާ ގުޅުން ހީނަރުވެފައިވަނިކޮށް އެގުޅުން އިތުރަށް ވަރުގަދަވަމުން ދާ މަންޒަރު މިއަދު މިދަނީ ފެންނަމުންނެވެ. ސަރަހައްދީ ޤައުމު ތަކާއި ދެމެދު އެކުވެރި ގުޅުމެއް ބާއްވަވަމުން ބައިނަލްއަޤްވާމީ ދުނިޔެއަށް ރާއްޖެ ހުޅުވާލެއްވުމާއި އަދި ދިވެހިންނަށް އިތުރު ފަސޭހަތަކެއް ހޯއްދައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް މިވަނީ ކުރައްވާފައެވެ."އެމްއާރުއެމްގެ ތަހުނިޔާ މެސެޖުގައި ބުނެފައިވެއެވެ.
އެމްއާރުއެމްގެ ތަހުނިޔާ މެސެޖުގައި އިތުރަށް ބުނެފައިވަނީ ކާމިޔާބުކަމާއެކު ސަރުކާރު ހިންގެވުމުގައި މަނިކުފާނު ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތްޕުޅެއްގައި މިޕާޓީގެ ރައީސް އަދި މިޕާޓީގެ ލޮބުވެތި މެންބަރުންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އަބަދުމެ ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަން މިފުރުޞަތުގައި އަރުވާކަމަށާއި އެ ޕާޓީގެ އިޚްލާސްތެރި ދުޢާއަކީ، ރައީސް ސޯލިހްގެ ސަރުކާރަށް އިތުރު ކާމިޔާބު އަހަރުތަކެއް މިންވަރު ކުރެއްވުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް