ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ބުނެފައިވާ ހ. ހިކޯސްޓް އަލީ ޝާން، ސަރުކާރު ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.
ޝާން ވަޒީފާ އަދާކުރަމުން އަންނަނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްޒެޑްއައިއެލް) ތިލަފުށީ ސައިޓްގައެވެ. ސުޕަވައިޒަރެއްގެ މަގާމެވެ.
އެ ކުންފުނިން މިއަދު ބުނެފައިވަނީ އޭނާ ސަސްޕެންޑް ކޮށްފައިވަނީ ރައީސް އޮފީހުން އަންގައިގެން ކަމަށެވެ.
އަފްރާޝީމަށް ހަމަލާ ދިނުމުގައި ހުމާމްގެ އިތުރުން ޝާން އާއި ކުޑަކުއްޖާވެސް ބައިވެރިވެފައިވާކަމަށް މަރު ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވެއެވެ.
ޝާން ސަސްޕެންޑް ކޮށްފައިވާއިރު އަފްރާޝިމް އަވަހާރަކޮށްލި މައްސަލައިގާ އޭނާގެ މައްޗަށް ކުރިން ދައުވާ ކުރިއެވެ. ނަމަވެސް އޭނާ ވަނީ އެ ދައުވާއިން ސަލާމަތްވެފައެވެ. އަދި އެ މައްސަލާގައި އޭރު ދައުވާކުރި ކުޑަކުއްޖާވެސް ސަލާމަތްވިއެވެ. މަރުގެ ހުކުމް އިއްވީ ހުމާމަށް އެކަންޏެވެ. ހުމާމަށް އިއްވި ހުކުމް މަތީ ކޯޓުތަކުންވެސް ވަނީ ދަމަހައްޓާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް