ބޮލީވުޑްގައި މިހާރު އެންމެ ވިދާ ބަތަލް ކާތިކް އާރްޔާން ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފި އެވެ.
"ސޯނޫ ކީ ޓީޓޫ ކީ ސްވިޓީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު ކާތިކް ވަނީ އޭނާ ފިލްމު ކުޅެދޭ އަގު ހަތް ކަރޯޑު ރުޕީސްއަށް ބޮޑުކޮށްފައެވެ. މީގެ ކުރިން އޭނާ ފިލްމު ކުޅެދީފައި ވަނީ 35 އާއި 40 ލައްކަ ރުޕީސް އާއި ދެމެދުގެ އަގެއްގައެވެ.
ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮލީވުޑްގައި ކާތިކް ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. މިއަހަރު ނިކުތް ކާތިކްގެ ފިލްމު "ލުކާ ޗުޕީ" ވެސް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
ބޮލީވުޑްގެ ޚަބަރުތަކާއި ހަވާލާދީ ކާތިކް ބުނިގޮތުގައި، އޭނާ ކަނޑައަޅާފައިވާ އަގަށް އެއްވެސް ޕްރޮޑިއުސަރެއް ދެބަސް ނުވާނެ އެވެ. އޭނާގެ ބްރޭންޑަކީ މިހާރު އަގު އުފުލިފައިވާ އެއްޗެއް ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.
މިހާރުވެސް އެތައް ޕްރޮޖެކްޓެއް ލިބިފައިވާ ކާތިކް އަކީ މިވަގުތު ބޮލީވުޑްގައި އުޅާ ތަރިންގެ ތެރެއިން އެންމެ ޑިމާންޑު ބޮޑު އެއް ބަތަލް ކަމުގައިވެސް ބުނެވޭނެ އެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ޕަތީ ޕަތުނީ އޯރް ވޯ" އިންނެވެ. މި ފިލްމުގެ ޕްރޮމޯޝަންތައް ކުރިއަށްދާއިރު، މިފިލްމުގައި އޭނާގެ ކޯސްޓާރުންނަކީ އަނަންނިޔާ ޕާންޑޭ އަދި ބޫމީ ޕެދްނެކަރް އެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު ހަވަނަ ދުވަހު އެވެ.
ކާތިކް އަންނަ އަހަރު ފެންނާނެ ފިލްމުތަކުގެ ތެރޭގައި، ދޯސްތާނާ 2، ހޮރޮރ ކޮމެޑީއެއް ކަމަށްވާ ބޫލް ބުލައްޔާ 2 އަދި އާޖް ކަލް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް