ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ، ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނިރުބަވެރި މުހައްމަދު އަމީންގެ ބަންދުގެ މުއްދަތު އިތުރު ހަތް ދުވަހަށް އިތުރުކޮށްފިއެވެ.
މި މުއްދަތު އިތުރު ހަތް ދުވަހަށް އިތުރުކޮށްފައިމިވަނީ ބަންދަށް ކުރިން ދިން މުއްދަތު ހަމަވާތީ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ.
އަމީނަކީ ނިރުބަވެރިއެއްކަމަށް އެމެރިކާއިން ތުހުމަތުކޮށް އެކަން އެމެރިކާއިން އާންމުކޮށްފައިވެއެވެ. އަމީނަކީ އެމެރިކާއިން ނިރުބަވެރިންގެ ގޮތުގައި ކަނޑައަޅާ ލިސްޓުގައި ހިމެނުނު ފުރސަތަމަ ދިވެހި މީހާއެވެ.
ދިވެހި ފުލުހުން އަމީން ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގައެވެ. އަމީން ހައްޔަރުކޮށް އަމީންގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ ފަނަރަ ދުވަހެވެ. އަލުން މުއްދަތު އެ ޖެހީ ކުރިން ޖެހި މުއްދަތު ހަމަވުމުންނެވެ.
އަމީނަކީ ސަލްޓަން ޕާކު ބޮން ގޮއްވި ހަމަލާއާއި ގުޅިގެންވެސް ހައްޔަރުކުރަން އުޅުނު މީހެކެވެ. ނަމަވެސް އޭނާ އޭރުވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައެވެ. އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސްވެސް ނެރުނެވެ. އަދި 2011 ވަނަ އަހަރ ލަންކާއިން ހައްޔަރުކޮށްގެން އޭނާ ރާއްޖެ ގެނައެވެ. ނަމަވެސް އެއަށްފަހު އޭނާ ހުންނަނީ ދޫކޮށްލާފައެވެ.
ލަންކާއިން އޭރު އޭނާ ހައްޔަރުކުރީ ވަގު ޕާސްޕޯޓެއްގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭރު އޭނާގެ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާނު ޕާސްޕޯޓެއް ފެނުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް