ތިލަފަތުގެ ސިޔާސަތުން ޕާޓީއަށް އާމްދަނީ ލިބޭނެ ކަންކަން މަގުފަހިވެގެންދާނެ: އަސްލަމް

ތިލަފަތުގެ ސިޔާސަތުގެ ދަށުން އެމްޑީޕީއަށް އާމްދަނީ ލިބޭނެ ކަންކަން މަގުފަހިވެގެންދާނެ ކަމަށް އެމްޑީޕީގެ ލީޑަރޝިޕް އިންތިހާބުގައި އެޕާޓީގެ ނައިބް ރައީސް ކަމަށް ވާދަކުރައްވާ މުހައްމަދު އަސްލަމް ވިދާޅުވެ...

17 Nov 2019 | 06:16

ތިލަފަތުގެ ސިޔާސަތުގެ ދަށުން އެމްޑީޕީއަށް އާމްދަނީ ލިބޭނެ ކަންކަން މަގުފަހިވެގެންދާނެ ކަމަށް އެމްޑީޕީގެ ލީޑަރޝިޕް އިންތިހާބުގައި އެޕާޓީގެ ނައިބް ރައީސް ކަމަށް ވާދަކުރައްވާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަސްލަމް މިހެން ވިދާޅުވީ އެމްޑީޕީގެ ލީޑަރޝީޕް 2019ގެ އިންތިހާބުގެ ކެމްޕެއިންގައި ރ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި ސިޔާސަތުތަކަކާއި އެކީ އަސްލަމް ވާދަކުރައްވާއިރު އެންމެ މުހިއްމު އެއް ކަމަށް އަސްލަމް ވިދާޅުވަމުން ގެންދަވަނީ އަތޮޅު އަދި ސިޓީތަކުގައި ސެކްރެޓޭރިއޭޓްތައް ޤާއިމް ކުރުމާއި އެކު ޕާޓީގެ އަމިއްލަ އޮފީސްތައް ޤާއިމްކުރުމަށް މަސައްކަތްކޮށްދިނުން ކަމަށެވެ. އެގޮތުން ޕާޓީގެ އަމިއްލަ ބިން ބިމުގައި ހަދާފައިވާ އޮފީހާއި އެކު އެތަނަކަށް އާމްދަނީ ވަންނާނެ ގޮތްތައް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

ޒަމާނާއިއެކު ބަދަލުވަމުން އަންނަ ތަރައްޤީގެ ތެރެއިން އެރަށެއްގައި ހުންނަ ޕާޓީގެ އޮފީސް ހިންގާނެ ގޮތްތައް އެ ރަށެއްގެ ސެކްރެޓޭރިއޭޓުން ޤާއިމް ކުރުމަކީ ޕާޓީގެ ހިންގުން އިތުރަށް ވެގެންދާނެ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެ

އެހެންކަމުން ހުރިހާ އެންމެންވެސް ތިލަފަތުގެ ސިޔާސަތަށް ވޯޓް ދެއްވުމަށް އަސްލަމް އެދިވަޑައިގެންނެވިއެވެ.

އަސްލަމް އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި ށ، ނ، ރ އަދި ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރުކުރައްވާފައިވާއިރު، ހއ، އަދި ހދ ގެ ބައެއް ރަށްތަކަށް މިއަދު ވަޑައިގަންނަވާނެއެވެ.

އެގޮތުން ކޮންމެ ރަށެއްގެވެސް އެމްޑީޕީގެ މެމްބަރުންނާއި އަދި ރަށުގެ ރައްޔިތުންނާއި ވަކިން ބައްދަލުކޮށްފައިވާއިރު، އެމްޑީޕީގެ އާންމު މެމްބަރުންނާއި ޕާޓީއާޢީ ދެމެދު އޮތް ގުޅުން ކުޑަފައިވާ ކަމަށް މެމްބަރުން ދަނީ ޝަކުވާކުރަމުންނެވެ.

'ތިލަފަތަށް ސިޔާސަތު'ގެ ދަށުން މައިގަނޑު ހަތަރު ކަމަކަށް އަސްލަމް ވައުވެވަޑައިގަންނަވައެވެ. އެގޮތުން އަތޮޅު / ސިޓީ ސެކްރެޓޭރިއޭޓުން ޤާއިމް ކުރުން، އަހަރަކު އެއްފަހަރު ކޮންގްރެސްއެއް ބޭއްވުން، ފިޔަވަޅު އަޅާ ކޮމިޓީ ހިންގުން އަދި އާއްމު މެމްބަރުންނަށްބަދަލު ހޯދައި ދިނުން ހިމެނެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިހިނގާ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އަސްލަމާއި ވާދަކުރައްވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަދި މިހާރުގެވެސް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ މިހާރުވެސް އެޕާޓީގެ ރައީސްކަން ކުރައްވާ މުހައްމަދު ނަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް