އެރެއަށްފަހު- ތިރީސް އެއްވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... "ޔޫ ވިލް ބީ ފައިން" ޝައިލާގެ އަތައް ފިތައިލަމުން ނަޒާން ބުނެލިއެވެ. "ޒާން ފެނުނީމަވެސް ވަރަށް ބޮޑަށް ރަގަޅުވެއްޖެ..." ހީލަމުން ޝައިލާ ބުނެލިއެވެ. ނަޒާންވެސް ހީލުމަށްފަހު ޝައިލާގެ...

17 Nov 2019 | 05:29

ކުރީގެ އަދަދާ ގުޅޭ...

"ޔޫ ވިލް ބީ ފައިން" ޝައިލާގެ އަތައް ފިތައިލަމުން ނަޒާން ބުނެލިއެވެ.

"ޒާން ފެނުނީމަވެސް ވަރަށް ބޮޑަށް ރަގަޅުވެއްޖެ..." ހީލަމުން ޝައިލާ ބުނެލިއެވެ. ނަޒާންވެސް ހީލުމަށްފަހު ޝައިލާގެ އަތައް ފިތައިލިއެވެ.

ނަޒާންގެ މޫނަށް ބަލަން އޮއްވައި ޝައިލާއަށް ނިދުން އިރެއްވެސް ނޭންގެއެވެ. ޝައިލާގެ ލޯ މެރުން އިރުވެސް ނަޒާން އިނީ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ޝައިލާގެ އޮމާން ކޯތާފަތާއި މަޑުފިޔާތޮށި ކުލައިގެ ތުންފަތް ފެނުމުން އޭނާގެ ހިތް ލޯބިން ފުރުނެވެ. ނޭންގޭ ކަމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ވާނެ ގޮތެކެވެ.

***

ފަސް ދުވަހު ހޮސްޕިޓަލުގައި ބޭއްވުމަށްފަހު ހަވަނަ ދުވަހު ޝައިލާ ގެއަށް ބަދަލުކުރެވުނެވެ. ގެއަށް ދޫކޮށްލިއިރު ޝައިލާގެ ބޮލުން ފަޅައިގެން ދިޔަ ތަން ވަނީ ރަގަޅު ވެފައެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ތަދު އިހުސާސް ކުރެވެމުން ދިޔައެވެ. އެހެންކަމުން އަދިވެސް ޝައިލާގެ ބޮލުގައި ދިޔައީ ކޮންމެވެސް ވަރަކަށް ރިއްސަމުންނެވެ. އޭނާ ގެއަށް ދޫކޮށްލީ ދެހަފްތާގެ ބެޑްރެސްޓެއް ދީފައެވެ.

ޝައިލާ ގެއަށް ދޫކޮށްލުމުން އެންމެންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އާއިލާގެ ހުރިހާ މެމްބަރުންނަށް އޭނާ ގެއަށް ދޫކޮށްލެވުނު ފަހުން އާދަޔާ ހިލާފު އެހެން ކަމެއް ފާހަގަވިއެވެ. އެއީ ނަޒާން އައިސް ހުންނަ ވަގުތުތަކުގައި ޝައިލާގެ މޫނުމަތިން ފެންނަ އުފާވެރިކަމެވެ. ޝައިލާގެ އުޅުން ހުންނަ ގޮތެވެ. ނަޒާން ފެންނަން ނެތިއްޖެނަމަ ޝައިލާ އުޅެނީހަމަ ކުރިންވެސް އުޅޭހެން އެކަހެރިކޮށެވެ. އެފަދަ ވަގުތުތަކުގައި މީހަކާ އަނގައިން ނުބުނާތަނުގައި، ކޮޓަރިން ބޭރަށްވެސް ނުނިކުމެއެވެ.

"ޝައިއަށް ކިހިނެއްތަ އެވަނީ؟ ނަޒާން ދެންމެ އައިސް އުޅުންއިރު ހަމަ ރީއްޗަށް އުޅެފަ އޭނަ ދިޔައީމަ ކޮޓަރިއަށް ވަތްގޮތަށް ނުވެސް ނިކުތް" ޝާއިރާ އައިސް ސަމާހު ކައިރީ އިށީންނަމުން ބުނެލިއެވެ.

"އަސްލުވެސް މިހާރު ވަރަށް ފާހަގަކުރެވޭ... މީހަކާ އިސްވެ އަނގައިންވެސް ބުނެލަނީ ނަޒާން އައިސް އުޅޭއިރަށް..." ކޮނޑު އަރުވައިލަމުން ސަމާހު ވެސް ބުނެލިއެވެ. އެމީހުން އެންމެން ތިބީ ފުން ވިސްނުމަކަށް ގެއްލިފައެވެ.

"ސުމާ ޝައިއާ ވާހަކަ ދައްކާލަބަލަ... ކިހިނެއްތޯ އެވަނީ... ޝައި ނޯމަލްނަމަ އެހެންނެއް ނޫޅޭނެ..." އެންމެފަހުން ސަމާހު ބުނެލިއެވެ. ޓީވީ ބަލަން އިން ސުމާ ރިމޯޓު ބޭއްވުމަށްފަހު ޝައިލާ އުޅޭ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

"ޝައި ނިދަނީތަ؟" ސުމާ އަހައިލިއެވެ. ޝައިލާ އޮތީ ފަންކާވެސް ނިއްވާލައިގެން ސީލިންގަށް ބަލާށެވެ. ސުމާ އައިސް ކޮނޑުގައި ޖަހައިލުމުން ޝައިލާ ދިޔައީ ސިއްސައިގެންނެވެ.

"އޭ މީ ސުމް އޭ... ކިހިނެއްތަ ތިވަނީ ޝައިއަށް؟" ޝައިލާ ކައިރީ އައިސް އިށީންނަމުން ސުމާ އަހައިލިއެވެ. ނަމަވެސް ޝައިލާގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ.

"އަޅެ މިހާ ހޫނު ދުވަހަކު ކީއްވެތަ ފަންކާ ނިއްވާލައިގެން ތިއޮތީ؟ ޝައި ކަމެއް ވަނީތަ؟ ބުނީމައެއްނު އިނގޭނީ ވެސް" އަނެއްކާވެސް ޝައިލާގެ ކޮނޑުގައި ކޮށްޓައިލަމުން ސުމާ އަހައިލިއެވެ.

"ޝައިއަށް މިހާރު ފާޑެއްގެ ހުވެފެނެއް ފެންނަނީ..." އެއޮތްގޮތަށް އޮވެ ޝައިލާ ބުނެލިއެވެ. އޭރު އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އެނދުމަތި ތެންމަމުން ދިޔައެވެ.

"ޝައި ރޮނީތަ؟ ބުނެބަލަ ކޮންކަހަލަ ހުވަފެނެއް ފެންނަނީ؟" ޝައިލާގެ މޫނަށް ބަލައިލަމުން ސުމާ އަހައިލިއެވެ. އަދި ދެއަތުން އޭނާގެ މޫނުގައި ހިފައި ސުމާ އާއި ދިމާލަށް އަނބުރައިލިއެވެ.

"ނަޒާން... ނަޒާން ފެންނަނީ" ޝައިލާގެ އަޑު ބެދުނެވެ. ފެންނަނީ ބިރުވެރި ހުވަފެނެކެވެ. ވަރަށް ބިރުވެރި ހުވަފެނެކެވެ. މީގެ ހަފްތާއެއް ކުރިން އޭނާއަށް ހީވީ ކުރީގެ ދިރިއުޅުން ލިބުނުހެންނެވެ. ނަމަވެސް ކުއްލިއަކަށް ފެންނާންފެށި ހުވަފެނެއްގެ ސަބަބުން ހުރިހާ ކަމެއް އެހުރި ހިސާބުގައި މަޑުޖެހިއްޖެ އެވެ.

"ނަޒާންގެ ކޮން ހުވަފެނެއް؟ މީގެ ގަޑިއިރެއް ކުރިން ޝައި އުޅުނީ ވަރަށް އުފަލުން ނަޒާން އައިސް އުޅުންއިރު..." ސުމާ ބުނެލިއެވެ. އޭނާގެ ހިތް ދިޔައީ ނިކަން ބާރަށް ތެޅެމުންނެވެ.

"ނަޒާން ހުންނަނީ މި ފަންކާގަ ދަންޖެހިފަ" ފަންކާ އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޝައިލާ އެހެން ބުނެލިއިރު މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފެންނާކަށް ނެތެވެ. ސުމާ އިނީ ބުނާނެ އެއްޗެއް ނޭންގިފައި އޭނާގެ މުނަށް ބަލަހައްޓައިގެންނެވެ.

"ނަޒާން އައީމަ އުފާވޭ... އޭނަ ހުރީ ސަލާމަތުންނޭ ހިތަށް އަރާފަ" އަތް ތިރިކޮށްލަމުން ޝައިލާ ބުނެލިއެވެ.

"ޝައި ހުވަފެނަކީ ބިލާހެއް... އެއީ ހަގީގަތެއް ނޫން... އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުވާނެ... ޝައި ތިކަހަލަ އެއްޗެހި ހިތަށް އަރުވައިގެން އޮންނާތީއޭ ކުރިއަށް ނުދެވެނީ... ބޭރަށް ނިކުމެ އެންމެންނާ އެކީގަ އުޅުނީމަ ތިއިން އެއްވެސް ކަމެއް ހަނދާނެއް ނުހުންނާނެ... ބޭރުގަ މަންމަމެން އެންމެން ކިހާ މަޖާ... ތެދުވެގެން އާދެބަލަ ބޭރަށް އެންމެ ފަހަރަކުވެސް... ދޮންބެވެސް ޖުމާ ގޮވައިގެން ހަނީމޫނަށް ނުދެވިފަ އެހުންނަނީ ޝައި ބަލިވީމަ... ޝައި ވެސް ޖެހޭނެއެއްނު އަމިއްލައަށް ވެސް ރަގަޅުވޭތޯ މަސައްކަތް ކުރާން... ދޮންބެއާ ޖުމާއަށް އެކަނިވެލާނެ ވަގުތުކޮޅެއް ލިބޭނީވެސް ޝައި ނޯމަލް ވެގެން ދޯ..." ސުމާގެ ނަސޭހަތް ނިންމައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.

ސުމާ ވަރަށް ކިޔައިގެން އެންމެފަހުން ޝައިލާ ބޭރަށް ނިކުމެ އެންމެންނާއި ވާހަކަދައްކަން ސޯފާގައި އިނެވެ. ނަމަވެސް އެވަގުތުވެސް އޭނާއަށް ސިފަވަނީ އެހުވަފެނެވެ. އަނދިރީގެތެރެއިން އެޅިފައިވާ ފަނޑުއަލީގެ ތެރެއިން އޭނާއަށް ފެންނަނީ ނަޒާން ދަންޖެހިފައި ހުންނަ މަންޒަރެވެ. އަވަސް އަވަހަށް އެމަންޒަރު ލޯކުރިމަތީގައި ފިލްމެއްހެން އެޅުވެމުން ދެއެވެ. އެމަންޒަރު ސިފަވާ ކޮންމެ ފަހަރަކު ގައިން ހީބިހި ނަގައިގެންދެއެވެ.

"ޝައި ކިހިނެއްވީ؟" ޝައިލާ ކުއްލިއަކަށް ތެޅެގަތުމުން ސަމާހު އަހައިލިއެވެ.

"ކަމެއް ނުވޭ... ކިނބިއްސެއް އަޅަން އުޅެފަ ނޭޅުނީ..." ވަރަށް ބިރުން އިނދެ ޝައިލާ ހެދި ދޮގު އެންމެންވެސް ގަބޫލުކުރިއެވެ. ނަމަވެސް ސަމާހު އިނީ ފާޑަކަށް ޝައިލާގެ މޫނަށް ބަލަހައްޓައިގެންނެވެ.

***

ގޭގައި އެކަނިވުމުން ބޮކްސާކޮޅު ލައިގެން ނަޒާން ބަދިގެއަށް ދިޔައީ ބަނޑުހައިވެގެންނެވެ. މިރޭ ގަނެގެން އައީ ނޫޑްލްސް ޕެކެޓު ކައްކާލައިގެން ކާން އިންދައި އާއިލާގެ ވައިބަރ ގުރޫޕަށް ބައިވަރު ފޮޓޯ އަންނަން ފަށައިފިއެވެ. އެއީ ނަހުޒާން އާއި ނުހާގެ ކައިވެނީގެ ފޮޓޯތަކެވެ. ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި ނުހާ ހުރިއިރު އޭނާ ފެންނަލެއް ނިކަން ތަފާތެވެ. ނުހާ ހުރީ ކައިވެނިކުރިއިރު ބުރުގާ ވެސް އަޅައިގެންނެވެ.

ހުރިހާ ފޮޓޯއެއްގައި ވެސް ނުހާ ހުރީ ހިނިތުންވެގެންނެވެ. ނަމަވެސް އެއީ 'ފޭކް' ހިނިތުންވުމެއްކަން ނަޒާނަށް ވަގުތުން އެނގެއްޖެ އެވެ. ނުހާ އުފާވެފައިހުންނަ ކޮންމެ ފަހަރަކު އޭނާގެ އަނގަ ތަންމިނަށް ހުޅުވި ހުދުދަތްތައް ފެންނާނެއެވެ. ނަމަވެސް މިފެންނަމުންދާ ހުރިހާ ފޮޓޯއެއްގައި ވެސް އޭނާ ހުރީ ދެތުންފަތް ފިއްތައިގެންނެވެ.

އާއިލާގެ ހުރިހާ މެމްބަރުން ބައިވެރިވި މިކައިވެނީގައިވެސް މަދީ ނަޒާން އެކަންޏެވެ. އާއިލީ ފޮޓޯ ނެގިއިރު ޖައިލަމްގެ ކައިވެނީގައި ވެސް މަދުވީ ނަޒާން އެކަންޏެވެ. އެކަމާ އެންމެންވެސް ދިޔައީ ވައިބަރ ގްރޫޕްގައި ނުރުހުން ފާޅުކުރަމުންނެވެ. އެމެސެޖުތައް ބަލަން ބޭނުންނުވެގެން ނަޒާން ފޯނު ދުރުގައި ބޭއްވުމަށްފަހު ކާން ފެށިއެވެ.

***

"ޝައިލާ ހާދަ މަދުން ތިކަނީ؟" ޝައިލާ ކާން އިން ބަތްތައްޓަށް ބަލައިލަމުން ޝަހާމާ އަހައިލިއެވެ.

"ދައްތަގެ ވާހަކައިގެ އަނެއްބައި ކިޔައިދީބަލަ..." ޝަހާމާގެ މޫނަށް ބަލައިލަމުން ޝައިލާ ބުނެލިއެވެ. ހީލުމަށްފަހު ޝަހާމާ ހަނދާންކޮށްލީ އޭނާ ނިންމައިލީ ވާހަކައިގެ ކޮން ހިސާބަކުންތޯ އެވެ.

"ނަޒާން ދޯ؟" ބޯ ޖަހައިލަމުން ޝަހާމާ ބުނެލިއެވެ. އެވަގުތު ސިންކު ކައިރީ ތަށި ދޮންނަން ހުރި ޖުމާ ނިކުމެގެން ހިނގައްޖެ އެވެ. މިހާރު ކާކޮޓަރީގައި އެތިބީ އެދެމީހުން އެކަންޏެވެ.

"އެއްރޭ ދައްތަ ފިހާރައަކުން އައިސް ގެއަށް ވަތްއިރު ގޭތެރޭގަ އެއްޗެހިތައް އުކާފަ ހުރީމަ އަވަހަށް ދުވެލާފަ ގޮސް ކޮޓަރިއަށް ދިޔައީ ވީ ކީއްތޯ ބަލައިލަން... ދިޔައިރު ޒާނާ މިއޮތީ އެނދުމަތީގަ ރޯން... ދައްތަ ވަރަށް އާދޭސްކުރުމުން ބުނީ ބައްޕަ އަންހެނަކު ގޮވައިގެން މިހެން އުޅެނިކޮށް ޒާނާ އަށް ފެނުނީއޭ... އެކަމާ ބައްޕަ އަނިޔާ ކުރީއޭ... ދައްތަ ވަރަށް ދެރަވެގެން އެރޭ އޭނަ އައީމަ އެއްޗެހި ކިޔައިފިން... ދައްތަގެ އަނގަމަތީ ޖަހާފަ ގެއިން ބޭރަށްލީ ޒާނާ އާ އެކީގަ..." އެމަންޒަރުތައް ސިފަވުމުން ޝަހާމާ އިނީ ފެންކަޅިވެފައެވެ. ޝައިލާ ވެސް އިނީ ޖަޒުބާތުގައި ޖެހިފައެވެ.

"ނިކުމެވުނީ ނަޒާން ކުރިމައްޗަށް... ނަޒާން ވެއްދީ އޭނާގެ އެޕާޓްމެންޓަށް... ބުނީ އިރުއަރަންދެން އޭނާގެ ކޮޓަރީގަ ނިދާށޯ... އެރޭ ނިދީ އެކޮޓަރީގަ... ނަޒާން އޮތީ ސޯފާގަ... ދައްތަގެ އަނގަމަތީ ބޭސް އަޅައިދީ ކައްކާފަ ކާންވެސް ދިން... ޒާނާ ވަރަށް އަވަހަށް ނިދައިފި... މާހައުލު ބަދަލުވީމަ ނުނިދިގެން ކޮޓަރިތެރޭ ހިނގަނިކޮށް ފޮށިގަނޑެއްގަ އަޅައިގަނެގެން ވެއްޓުނީ... އެވަގުތު އެނދު ދަށުން ފެނުނީ ބައިވަރު ކަރުދާސްތަކެއް... ބައިވަރޭ ބުންޏަސް ހާދަ ބައިވަރެކޭ އެއީ..." ޝަހާމާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އެކަރުދާސްތަކުގަ ހުރީ ވަރަށް އެހެންކަހަލަ އެއްޗެހި ކުރަހާފަ... ވަރަށް ބިރުވެރި ފާޑަކަށް ހުރިހާ ކަރުދާހަކުވެސް ހުރީ ކުރަހާފަ... ފޭރާމެއް ނެތް އަންހެން ކުއްޖަކާ ފިރިހެނުންނާ... ދެޖިންސުގެ މީހުންގެ ގައިގޯޅި ކުރެހުމާ ބިރުވެރި ފާުގެ ޖަނަވާރު... އެކަހަލަ ބައިވަރު..." ޝަހާމާގެ ފިރިމީހާގެ އަނިޔާވެރިކަމުގެ ވާހަކައިން ނަޒާންގެ ކުރެހުންތަކަށް ވާހަކަ ބަދަލުވިގޮތެއްވެސް ނޭންގުނެވެ. ޝައިލާ ވެސް ދެން އެންމެ ޝައުގުވެރިކަން ބެހެއްޓީ އެކުރެހުންތަކުގެ ހަގީގަތް ހޯދާށެވެ.

"ދައްތަ އެހިންތަ ނަޒާން ކައިރީ އެއީ ކޮންކަމެއް ހޭ؟ އެއީ ނަޒާން ކުރަހާފަތަ؟" ޝައިލާ އަވަހަށް އަހައިލިއެވެ.

"އާނ... އެހެން ރެއަކު ބޭރުގަ އިންދަ ނަޒާން ގޮވިމަ ދިޔައީ... އެރޭ އެހިން..." ޝަހާމާ ބުނެލިއެވެ.

"ދެން ނަޒާން ބުނީ ކީކޭ؟" ޝައިލާގެ މޫނުމަތިން ފެންނަމުން ދިޔައީ ކެތްތެރިކަން ކުޑަ އަސަރެކެވެ. ދެލޯވެސް ވަނީ ބޮޑުވެފައެވެ.

"ދައްތަ ހީނުކުރާތި މިވެދޭ އެހީތެރިކަމުގެ ސަބަބުން މަށަކީ ވަރަށް ރަގަޅު މީހެކޭ... ބައެއްގެ ނަޒަރުގަ މަށަކީ ވަރަށް ނުބައި މީހެއް" ހީވީ ނަޒާން އެރޭ ބުނި ޖުމްލަ އަލުން ޝަހާމާގެ ކަންފަތް ބުޑުގައި ގުގުމައިލިހެންނެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް