ޔާމީނަށް ހުކުމް ކުރުން މިއަދު 1:30 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގ ދައުވާގައި ހުކުމް ކުރުން އޮންނާނީ މިއަދު މެންދުރު 1:30 ގައި ކްރިމިނަލް ކޯޓުގައި އޮންނާނެ އެވެ. ކްރިމިނަލް ކޯޓުން ވަނީ މިމައްސަލަ ބ...

17 Nov 2019 | 04:50

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގ ދައުވާގައި ހުކުމް ކުރުން އޮންނާނީ މިއަދު މެންދުރު 1:30 ގައި ކްރިމިނަލް ކޯޓުގައި އޮންނާނެ އެވެ.

ކްރިމިނަލް ކޯޓުން ވަނީ މިމައްސަލަ ބެލުމަށް އެކޯޓުގެ ފަނޑީޔާރުންގެ ބެންޗެއް އެކުލަވާލައިފައެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްސަލަ ބަލައިދިނުމަށް ބެންޗެއް އެކުލަވައިދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ރައީސް ޔާމީނުގެ މައްސަލަ ބެލުމަށެވެ.

ކްރިމިނަލް ކޯޓުން އެކުލަވައިލި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ މިހާރު އެކޯޓު ހިންގުމާއި ހަވާލުވެގެން ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން ދައުވާގެ އަޑުއެހުންތައް ނިމިފައިވާއިރު މި މަހުގެ ފަސްވަނަ ދުވަހަކީ އެމަނިކުފާނަށް ހުކުމް ކުރުމަށް އޮތް ދުވަހެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްސަލަ ބައްލަވާ ގާޒީ، ކްރިމިނަލް ކޯޓުގެ އިސްގާޒީއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައެއްގައި ގާޒީ އަހުމަދު ހައިލަމް ވަނީ ސަސްޕެންޑު ކުރައްވާފައެވެ. އެއީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ މުވައްޒަފުން ތިބޭ ވައިބާ ގްރޫޕަކަށް ލީ ފޮޓޯ ޕޯސްޓެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު އޮޅާފައިވާ މަންޒަރު އެ ފޮޓޯއިން ފެންނާތީއެވެ.

ޕީޕީއެމުން މިދިޔަ ހަފްތާ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ހިންގި ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި، އެޝަރީއަތް އިންސާފުވެރިނަމަ އެމަނިކުފާނު ގައިގައި "އަތްލެވޭނެ ގޮތެއް" ނޯންނާނެ ކަމުގައެވެ.

ރައީސް ޔާމީން ވިދާޅުވީ ހުކުމެއް ކޮށްފާނެތީ ރައްޔިތުން ކަންބޮޑު ނުވުމަށް އެދިލައްވާކަމަށެވެ. ދައުލަތުގެ ބައިތުލްމާލުން އެންމެ ލާރިފޮއްޗެއްގައިވެސް ޖެހިފައި ނޯންނާނެކަމަށާއި އަދި ދައުލަތުގެ ފައިސާއެއްގައި ޖެހިވަޑައިގަންނަވާކަށް ނުޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ނަފްސުގެ މުއްސަނދިކަން އެއަށްވުރެ މާ ތަނަވަސް ކަމުގައިވެސް ވިދާޅުވިއެވެ. މީގެއިތުރުން އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވަން ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވަނީ ތުހުމަތުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް