2012 ވަނަ އަހަރުގެ އޮކްޓޯބަރު ދެވަނަ ދުވަހު އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލި ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ގޮތުން އެކުލަވާލައިފައިވާ ޚުލާސާ ރިޕޯޓް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެކުލަވާލެއްވި ޑޮކްޓަރު އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓުގެ ޚުލާސާއެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މިއަދު އޮންނަ މަޖިލީހުގެ 66 ވަނަ ޖަލްސާގައި އިއްވަވާނެ ކަމަށެވެ.
ރ. އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރެއްވި ޑރ. އަފްރާޝިމްގެ މަރުގެ މައްސަލާގައި މަރުކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި ވާގޮތުގައި، އެމަނިކުފާނު އަވަހާރަކޮށްލީ އެމަނިކުފާނާއި ދެކޮޅުވެރި ޖަމާއަތަކުން ދީނީ ހިލާފުތަކަކާ ހުރެކަމަށް ހާމަވެފައިވެއެވެ. މީގެއިތުރުން އެމަނިކުފާނު އަވަހާރަކޮށްލާފައި ވަނީ ބަޔަކަށް 'ސުޕާރީ' ދީގެން ކަމަށްވެސް އެރިޕޯޓުން ހާމަވެއެވެ.
އެ ރިޕޯޓުން އިތުރަށް ހާމަވާގޮތުގައި، ޑރ. އަފްރާޝީމް އަވަހާރަކޮށްލި ރޭ އެކަމުގައި އަމަލީ ގޮތުން 3 މީހެއް އުޅުނު ނަމަވެސް، އެމަނިކުފާނު އަވަހާރާކޮށްލިކަން ޔަގީން ކުރުމަށް އިތުރު މީހުން ހަރަކާތްތެރިވި ކަމަށް ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް