އިންޑިއާގެ ކެރެލާއަށް ކުރަމުންދާ ވިއްސާރައިގަ 26 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ

އިންޑިއާގެ ކެރެލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގަ 26 މީހުން މަރުވެއްޖެ އެވެ. ކެރެލާއަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން މެދުކެނޑުމެއް ނެތި ދަނީ ވާރޭ ވެހެމުންނެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން ...

17 Oct 2021 | 17:12

އިންޑިއާގެ ކެރެލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގަ 26 މީހުން މަރުވެއްޖެ އެވެ.

ކެރެލާއަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން މެދުކެނޑުމެއް ނެތި ދަނީ ވާރޭ ވެހެމުންނެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ސްޓޭޓްގެ ގިނަ ޑިސްޓްރިކްޓުތަކެއްގައި ވަނީ ފެން ބޮޑުވެފަ އެވެ.

މިހާތަނަށް މަރުވި ކަމަށް ރިޕޯޓުކޮށްފައިވާ މީހުންގެ ތެރެއިން 13 މީހުންނަކީ ކޮއްޓަޔަމް ޑިސްޓްރިކްޓުން މަރުވި މީހުންނެވެ. އިދުއްކީ ޑިސްޓްރިކްޓުން ނުވަ މީހުން މަރުވި އިރު އަނެއް ހަތަރު މީހުން މަރުވެފައިވަނީ އަލައްޕުޒާ ޑިސްޓްރިކްޓުންނެވެ.

މަރުވެފައިވާ މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެ އެވެ. އެ ކުދިން މަރުވެފައި ތިބީ ސަލާމަތްވުމަށް އަތުގުޅައިގެން ތި ގޮތަށް ކަމަށް އޮފިޝަލުން ބުނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ނެޝަނަލް ޑިޒާސްޓާ ރެސްކިއު ފޯސް އާއި އަސްކަރިއްޔާ އާއި އާންމުން ގުޅިގެން ކެރެލާގެ އެކި ޑިސްޓްރިކްޓުތަކުގައި ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށާފަ އެވެ. އެއީ ވިއްސާރައިގަ ފެންބޮޑުވެ އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާތީ އެމީހުން ހޯދުމަށާއި ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށެވެ.

ކެރެލާގެ ޑިސްޓްރިކްޓުތަކުގައި މީހުން ހޯދުމުގެ އޮޕަރޭޝަނަށް ދަނީ ބިން ގަނޑު ކަނޑައިގެން ދިއުމާއި އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހޭތީ ހުރަސް އެޅެމުންނެވެ.

އިންޑިއާގެ މައި ސަރުކާރުން ބުނީ ކެރެލާގެ ހާލަތު ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން ވަނީ ކެރެލާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ފޯރުކޮށްދޭން ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް