މޫސުން ގޯސްވުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު އަދި އަނެއްބައި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެފައި ވަނީ މިއަދުގެ ހަވީރު 16:30 އިން ރޭގަނޑު 22:00 އަށް ނ އަތޮޅުން ފެށިގެން ތ. އަތޮޅުގެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ.
އަދި ރީނދޫ ސަމާލު ނެރުނީ ވައިގަދަ ވާނެ ކަމަށް ލަފާކޮށް ހއ އިން ތ. އަތޮޅު ހިމެނޭ ސަރަހައްދަށް މިއަދުގެ ހަވީރު 16:30 އިން ރޭގަނޑު 22:00 އަށެވެ.
ރީނދޫ ސަމާލު ނެރެފައިވާ ހިސާބުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މެޓު އޮފީހުން ވަނީ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވޭ. ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ވެސް ވަނީ މޫސުމަށް ބަލައިގެން ދަތުރުކުރެއްވުމަށް އަދި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް އެދިފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެންނަމަވެސް މިދުވަސްކޮޅު ރާއްޖޭގެ ބޮޑުބަޔަކަށް އާދަޔާއި ޚިލާފަށް ވައިގަދަވެ، ކަނޑުތައް ގަދަވެފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގެ އުތުރާއި ދެކުނުގައި އުފެދިފައިވާ 2 ސަރކިއުލޭޝަނެއްގެ ސަބަބުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ރާއްޖެ ހިމެނޭ ސަރަޙައްދަށް ވައިމަޑުވާނެކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުންކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ. ކުރިއަށްއޮތް ދެ ދުވަހު ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވަނީ މެދުރާއްޖެތެރެއާއި، އުތުރުގެ އަތޮޅުތަކަށެވެ.
ރާއްޖޭގެ މޫސުން މިދުވަސްކޮޅު ގޯސްވެފައިވާއިރު، ހުކުރު ދުވަހުގެ ރެއިން ފެށިގެން މިއަދު ހެނދުނާއި ހަމައަށް މުޅި ރާއްޖެއަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އޮތީ ރީނދޫ ސަމާލުނެރެފައެވެ. މެޓު އޮފީހުގެ ރެކޯޑްތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭ އެންމެ ގިނައިން ވާރޭވެހުނުކަމަށް ރިކޯޑްކޮށްފައިވަނީ އއ. ހިމަންދޫއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް