"މިޑްލް މެނެޖަރސް ރިފްރެޝަރ"ގެ ނަމުގައި އެމްސީއެސްގެ މިޑްލް މެނޭޖްމަންޓަށް ޕްރޮގުރާމެއް!

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މިޑްލް މެނޭޖްމަންޓަށް ޚާއްސަކޮށްގެން ”މިޑްލް މެނެޖަރސް ރިފްރެޝަރ” ގެ ނަމުގައި ޕްރޮގްރާމެއް ފަ...

17 Oct 2021 | 11:00

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މިޑްލް މެނޭޖްމަންޓަށް ޚާއްސަކޮށްގެން ”މިޑްލް މެނެޖަރސް ރިފްރެޝަރ” ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

މާފުށީ ޖަލުގައި 05 ދުވަހުގެ މުއްދަތަށް ކުރިއަށް ދާ މި ޕްރޮގްރާމްގައި ޖުމުލަ 18 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މި 18 ޕްރިޒަން އޮފިސަރުންނަކީ އެކި ޖަލުތަކުގައި ތިއްބަވާ އޮފިސަރުންނެވެ. އަދި މިއީ މި ޕްރޮގުރާމްގެ ދަށުން ތަމްރީން ދެވޭ ފުރަތަމަ ބެޗު ވެސް މެއެވެ.

އައިކޯސްޓްގެ މުދައްރިބުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަންނީ ބޭފުޅުން ކިޔަވައިދެއްވާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދުތަކަކީ އަސާސީ ތަމްރީނުގައި ކިޔަވައިދެވިފައިވާ މާއްދާތައް އަލުން މުރާޖާކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤަވައިދުތަކާއި އުޞޫލުތަކަށް އަހުލުވެރިކޮށް، ޤައިދީންނާއި ބަންދުމީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބާރުއަޅާ، ޖަލުތަކުގެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ހިންގުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމެވެ. އަދި ހިންގުންތެރި ކަމަށް އަހުލުވެރިކުރުމާއި ތަޢުލީމު އުނގެނުމާއި ތަމްރީނު ފުރިހަމަކުރުމުގެ މުހިއްމުކަމުގެ އިތުރުން އޮފިސަރުންނަކީ ރިވެތި އަޙުލާގު ހުންނަ، ހަށިހެޔޮ އަދި ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބެންޖެހޭނެ ބައެއްކަން އަންގައިދިނުމަކީ ވެސް މަގުސަދެއް ކަމަށް ކަރެކްޝަންސް އިން މަޢުލޫމާތު ދެއެވެ،

މި ޕްރޮގްރާމްގެ ބައިވެރިންނަށް ލީޑަރޝިޕް އެންޑް ކޮމިއުނިކޭޝަން ސްކިލްސް، އެތިކްސް އެންޑް ގޯލް ސެޓިންގ، ސްވިމިންގ އާއި ފުޓް ޑްރިލް، އިންވެސްޓިގޭޝަން އެންޑް ޕްރޮބްލަމް ސޯލްވިންގ އަދި މެނޭޖީރިއަލް ޕްރޮފައިލް ފަދަ މޮޑިއުލްތަކުގެ އިތުރުން ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމާއި ޔޫއެން ކޮންވެންޝަން އަގޭންސްޓް ޓޯޗަރ އަދި އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގޭންސްޓް ޓޯޗަރ މުވާހަދާތަކާ ބެހޭ މަޢުލޫމާތު ކިޔަވާދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މި ޕްރޮގުރާމްގެ ފުރަތަމަ ބުރެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ބެޗުތަކަށް ވެސް މި ޕްރޮގުރާމް ހިންގާނެ ކަމަށް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް